ވަޒީރެއްގެ ބެލުމުގެ ދަށުން ނޫންގޮތަށް ފުލުހުންގެ މުއަސަސާ ހިންގުން ޤާނޫނު އަސާސީޢާއި ޚިލާފް ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވައި ހޯމް މިނިސްޓަރ އިމްރާނަށް މިމަހުގެ 14 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ 5/2008 ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިންގަމުންދާގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" އަކީ ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ޤާނޫނުގައި ބަޔާން ކުރާތީއާއި، އެ ޤާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން 2021 މާޗު 27 ވަނަ ދުވަހުގެ ފެށިގެން ނިމިމަކަށް ގެނެވިފައިވާ ކަމަށެވެ.
މިނިމުމާއި ގުޅިގެން ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި، އާންމު ގިނަ ރައްޔިތުންގެ ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ސަރުކާރުން މިކަމުގައި އަދި ވަކި އެއްޗެއް ބުނެފައި ނުވެއެވެ. މެމްބަރު އުޝާމް ވިދާޅުވީ ޤާނޫނު އަސާސީގައި ވަރަށް ސަފުކޮށް، ފުލުހުންގެ މުއައްސަސާ ހިނގަންވާނީ ވޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ބެލުމުގެ ދަށުންކަން ބަޔާންކޮށްފައި ވާކަމަށެވެ. ނަމަވެސް ސަރުކާރުން މިނިންމި ނިންމުމަކީ ޤާނޫނު އަސާސީއައި ކަނޑައެޅިގެން ޚިލާފް ނިންމުމެއްކަމަށް އުޝާމް ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތް މިހާރު ހިންގަނީ ވަޒީރުންގެ މަޖިލީހުގެ ކޮން ވަޒީރެއްގެ ބެލުމުގެ ދަށުންކަން ސަރުކާރުން ހާމަކުރަންޖެހޭނެ. ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ފުލުހުންގެ ހިދުމަތް ނުހިންގޭނެކަން ގއގެ 242 އަދި 140 ވަނަ މާއްދާއިން ސާފު.
– އުޝާމް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބުނެފައިވަނީ ސަލާމަތީ ކޮންމެ ޚިދުމަތެއް ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންކަމަށެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ވާންޖެހޭނެކަމަށެވެ.
ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުސްތަޤިއްލު މުއައްސަސާތަކާއި، ޤާނޫނަކުން އުފައްދާ މުސްތަޤިއްލު އެހެން މުއައްސަސާތައް ފިޔަވައި، ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ޤާއިމްކުރާ ކޮންމެ އިދާރާއަކާއި ކޮންމެ މުއައްސަސާއަކާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ އެ މެންބަރަކާ ކޮންމެ އިދާރާއެއްގެ ނުވަތަ ކޮންމެ މުއައްސަސާއެއްގެ ހިންގުމަށް ޒިންމާ އުފުލައި ޖަވާބުދާރީ ވާންވާނެ ކަމަށެވެ.
ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީން ވަކި ކޮށްފައިވާއިރު، ދެން ފުލުހުންގެ މުއައްސަސާ ބަލަހައްޓަނީ ކޮން އިދާރައަކުން ކަމެއް ސަރުކާރުން ނުބުނެއެވެ. މިނިސްޓަރ އިމްރާނަށް މިފަހުން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން މިނިސްޓްރީ ހިންގެވުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް ބުނެ ބޮޑެތި ފާޑުކިޔުންވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ