ކޯވިޑް ބަލީގައި އައްޑޫ ސިޓީން މީހަކު ނިޔާވެއްޖެއެވެ.
އައްޑޫ ސިޓީ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެނުންދިޔަ މިމީހާ ނިޔާވެފައިވަނީ މިއަދު ހަވީރުކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިއީ އައްޑޫ ސިޓީން ކޯވިޑްގައި ނިޔާވި 5 ވަނަ މީހާއެވެ. އަދި މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 239 ވަނަ މީހާކަން ފާހަގަ ކޮށްލެވެއެވެ.
އައްޑޫން އެންމެ ފުރަތަމަ ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވަނީ މިއަހަރުގެ މޭއި މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ޖެހިގެން އައި ދުވަހު 91 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާއިރު، އޮގަސްޓް މަހުގެ 23 ވަނަ ދުވަހު 92 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެ، އޮކްޓޯބަރު އަށް ވަނަ ދުވަހު 97 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 86165އަށް އަރާފައެވެ. ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް މާބޮޑަށް އިތުރުނުވެ ހިފެހެއްޓިފައިވާއިރު، ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވެސް ވަނީ ދަށަށް ދާން ފަށާފައެވެ. އެގޮތުން މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1287 މީހުންނެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 12 މީހަކަށެވެ.