ޖަޕާންގެ ޝާހީއާއިލާގެ މެމްބަރެއް ކަމުގައިވާ، ޕްރިންސެސް މާކޯ، ޖަޕާނުގެ އާދައިގެ ކުއްޖަކާ ކައިވެނި ކުރުމަށްޓަކާ ޝާހީ އާއިލާއާއި ޝާހީ ހުރިހާ ލަގަބެއް ދޫކޮށް، ކައިވެނި މިމަހު ފަހުކޮޅު ކުރެއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރައްވައިފިއެވެ.
ޖަޕާނުގެ އެމްޕެރަރ އަކިހިޓޯގެ ކާފަ ދަރިއެއް ކަމުގައިވާ ޕްރިންސެސް މާކޯ ވަނީ މިއަހަރުގެ މޭމަހު، ލޯ ފާމެއްގައި މަސައްކަތް ކުރަމުންދާ އުމުރުން 25 އަހަރުގެ ކެއި ކަމުރޯއާއި އެންގޭޖް ވެފައެވެ.
ޖަޕާނުގެ އިމްޕީރިއަލް ގާނޫނު ބުނާގޮތުން، އެގައުމުގެ ޝާހީ އާއިލާގެ މެމްބަރަކު އާދައިގެ ރައްޔިތަކާ ކައިވެނި ބައްލަވާގަންނަވާ ހިސާބުން ޝާހީ އާއިލާ ދޫކޮށްލަވަން ޖެހެއެވެ.
ޖަޕާނުގެ ޝާހީ އައިލާގެ ޕްރިންސެސް އެގައުމުގެ އާދައިގެ ކުއްޖަކާ ކައިވެނި ބައްލަވައިގަތުމަަށް ނިންމެވުމާއި ގުޅިގެން، އެގައުމުގެ ޝާހީ ޚާންދާނުގެ ވެރިކަން ނަކަލްވެގެން ދާނެ އުސޫލާގުޅޭގޮތުންވެސް މިހާރުވަނީ އެތައް ބަހުސެއް އުފެދިފައެވެ. ބެލެވޭ ގޮތުގައި މިހާރުގެ އެމްޕެރަރ ވަރަށް އަވަހަށް ރިޓަޔަރ ކުރައްވާނެއެވެ.
ޕްރިންސެސް މާކޯއާއި ކެއި ކަމުރޯ އެންމެ ފުރަތަމަ ރެސްޓޯރަންޓަކުން ބައްދަލު ވެފައިވަނީ، 2012 ވަނަ އަހަރު، ދެމީހުންވެސް ޓޯކިޔޯގެ ކުރިސްޓިއަން ޔުނިވަރސިޓީގައި ކިޔަވަމުން ދަނިކޮށެވެ.
މިމަހުގެ 26ވަނަ ދުވަހު ކައިވެނި ބައްލަވައިގަތުމަށް ހަމަޖެހިފައިވާ ޕްރިންސެސް މާކޯ ވަނީ، ޖަޕާނުގެ ޝާހީ އާއިލާގެ މެމްބަރެއްގެ ހައިސިއްޔަތުން އެންމެ ފަހު ފަހަރަށް މިހަފްތާގެ އާދީއްތަ ދުވަހު އިމްޕީރިއަލް ޕެލަސްއަށް ވެދެ ވަޑައިގެންފައެވެ. ޕްރިންސެސް ޝާހީ ގަޑުވަރަށް ވަޑައިގެންނެވީ ކައިވެނީގެ ކުރިން އޮތް ދީނީ އިހުތިފާލެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ޕްރިންސެސް މާކޯ ކައިވެނި ބައްލަވައިގަތުމަށް ހަމަޖެހިފައިވާ ކެއި ކޮމުރޯ ވަނީ ފާއިތުވެދިޔަ މަހު އެމެރިކާއިން ޖަޕާނަށް ވަޑައިގެންފައެވެ. މިހާރު އުމުރުން 30 އަހަރުގެ ކޮމޫރޯ 2018ވަނަ އަހަރު އެމެރިކާއަށް ވަޑައިގެންނެވީ އެމެރިކާގެ ފޯރޑްހަމް ޔުނިވަރސިޓީން ގާނުނީ ދާއިރާއިން ތައުލީމު ހާސިލް ކުރެއްވުމަށެވެ.
އަދި ފާއިތުވި 3 އަހަރު، އޭނާއާއި ޕްރިންސެސް މާކޯއާއި ފުރަތަމަ ފަހަރަށް ބައްދަލުވުމަށް ހަމަޖެހިފައިވަނީ މިހަފްތާގެ ހޯމަ ދުވަހުއެވެ. މިބަދަލުވުމަކީ ކައިވެނީގެ ކުރިން ދެ ލޯބިވެރިން ދެމީހުންގެ މައިން ބަފައިންނާ ބައްދަލު ކުރުމަށްޓަކާ ބާއްވާ ބައްދަލުވުމެކެވެ.
ޕްރިންސެސް މާކޯއާއި ކެއި ކޮމުރޯގެ ކައިވެނި ރަޖިސްޓަރ ކުރުމާއެކު، ޕްރިންސެސް މާކޯ، ޝާހީ ގަޑުވަރު ދޫކުރައްވާނެއެވެ. އަދި އެއަށްފަހު ދެމަފިރިން ދިރި އުޅުއްވުމަށް ހަމަޖެހިައިވަނީ އެމެރިކާގެ ނިއުޔޯކުގައެވެ.
ޕްރިންސެސް މާކޯގެ ބޮޑު ދައިތައެއް ކަމުގައި ޕްރިންސެސް ސަޔާކޯވެސް ވަނީ ކުރިން ޖަޕާނުގެ އާދައިގެ ރައްޔިތަކާ ކައިވެނި ބައްލަވައިގެންފައެވެ. އަދި އެއީ ޖަޕާނުގް ޝާހީ އާއިލާގެ ތާރީޚުގައިވެސް ޝާހީ އާއިލާގެ މެމްބަރަކު ޖަޕާނުގެ އާދައިގެ ރައްޔިތަކާ ކައިވެނި ބައްލަވައިގަތް ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ