ލޯންޗު ހާދިސާ: ރިޝްމީގެ އާއިލާ ވެސް ލޯންޗުގައި ދަތުރުކުރި

ލޯންޗު ހާދިސާ: ރިޝްމީގެ އާއިލާ ވެސް ލޯންޗުގައި ދަތުރުކުރި

Author
ފާތިމަތު ނާވީ
17 އޮކްޓޯބަރ 2021 09:05
0

އިއްޔެ މާލެއިން ފުރައިގެން ވ. އަތޮޅު ފުލިދޫއަށް ދަތުރު ކުރަމުން ދަނިކޮށް، ލޯންޗަކަށް ރާޅުޖެހި ހާދިސާ ހިނގި ލޯންޗުގައި ރިޝްމީގެ އާއިލާ ވެސް ދަތުރު ކުރިއެވެ.

މިހާދިސާގައި ވަނީ މި ލޯންޗުން ދަތުރު ކުރި މ. ގްރީން ޕީކް، މަރިޔަމް ނާހިދާ ނިޔާވެފައިއެވެ. އަދި އޭނާގެ 4 އަހަރުގެ ދަރިފުޅުވަނީ މިހާދިސާގައި ގެއްލިފައިއެވެ. އެ ލޯންޗުން ދަތުރު ކުރީ ފަޅުވެރިންނާއެކު 14 މީހުންނެވެ. އޭގެ ތެރޭގައި ކުޑަ 3 ކުދިން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. އެއީ މި ހާދިސާގައި ނިޔާވި ނާހިދާގެ 2 ދަރިންގެ އިތުރުން ރިޝްމީގެ ދަރިފުޅެވެ.

މިހާދިސާ އަށް ފަހު ރިޝްމީ ވަނީ އޭނާގެ ފޭސްބުކުގައި ޕޯސްޓެއް ކޮށްފައިއެވެ. އެޕޯސްޓް ގައި ބުނެފައިވަނީ އޭނާ އާއި ރަވީ އަދި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އެއްވެސް މީޑީއާ އަކާއި ވަހަކަ ދެއްކުމަށް ރިޝްމީ މިވަގުތު ދެކޮޅު ހަދައެވެ.

ބެލެވޭ ގޮތުގައި ރިޝްމީވެސް ވ. އަތޮޅަށް ދަތުރުކުރީ ޗުއްޓީ ހޭދަކޮށްލާށެވެ. ލޯންޗުން ކަނޑަށް ވެއްޓި މަރުވި މަރިޔަމް ނާހިދާ ވެސް ވ. އަތޮޅަށް ދަތުރުކުރީ ޗުއްޓީއަށް އާއިލާގެ ކައިރިއަށެވެ.

އެ ހާދިސާ ހިނގީ އިއްޔެ ހަވީރު އައި ކޮޅިގަނޑަކުން ސަލާމަތްވާން ވެގެން ލޯންޗު އަނބުރާލި ވަގުތު ރާޅުގައި ޖެހިގެނެވެ. މިއަދު އަސްރު ނަމާދަށް ފަހު އާސަހަރާގައި ވަނީ ނާހިދާގެ ޖަނާޒާ ބާއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.