ޑރ.މުޢިއްޒު މާލެސިޓީ މޭޔަރަށް: ތިޔަ ވިދާޅުވާ މަރާމާތެއް ފެނުނު މީހަކު ނެތް!

ޑރ.މުޢިއްޒު މާލެސިޓީ މޭޔަރަށް: ތިޔަ ވިދާޅުވާ މަރާމާތެއް ފެނުނު މީހަކު ނެތް!

Author
މުޙައްމަދު ޖިމީ
01 ނޮވެމްބަރ 2020 02:32
0

މިއަހަރުގެ މިހާތަނަށް ސުނާމީ ބިނާ ބަހައްޓާފައި ހުރި ސަރަހައްދު ފަސްވަރަކަށް ފަހަރު މަރާމާތުކޮށްފައިވާކަމަށް މާލެސިޓީގެ މޭޔަރު ވިދާޅުވާއިރު، އެވިދާޅުވާ މަރާމާތެއް ކުރިތަން ފެންނަ މީހަކު މާލޭގައި ހުރިހެން ހީނުވާކަމަށް ވިދާޅުވެ ކުރީގެ ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ހޫނު ރައްދެއް ދެއްވައިފިއެވެ.

ސުނާމީ ބިނާ މައިޒާން ސަރަހައްދުގައި މޫދާ ދިމާލުން ވެލިގަނޑު ދަމައިގަނެގެންގޮސް ގާތައް ނެއްޓި ބޮޑު ގެއްލުމެއް ލިބިފައިވާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެކަމުގެ ޝަކުވާތައްވެސް މީހުން ކޮށްފައިވެއެވެ. އެކަމަށް އިޝާރާތްކުރައްވާ މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މިއަހަރުގެ މިހާތަނަށް އައިއިރު ފަސްފަހަރެއްގެ މަތިން އެ ސަރަހައްދު މަރާމާތުކޮށްފައިވާކަމަށެވެ.

ސިފާގެ އެވާހަކަތައް ރައްދުދެއްވާ ސުނާމީ ބިނާ މައިޒާން ތަރައްޤީކުރި ކުރީގެ ހައުސިންގ މިނިސްޓަރ އަދި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މޭޔަރު އެވިދާޅުވާ މަރާމާތެއް ކުރިތަން ފެނުނު މީހަކު މާލެއަކު ހުރިހެން ހީނުވާކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ސުނާމީ ބިނާ މައިޒާނާވެސް އަދި އެސަރުކާރުން ތަރައްޤީކުރި 11 ޕާކްވެސް ކޮންމެ ދުވަހަކުވެސް ކުނިކަހާ ސާފުކޮށް ބަލަހައްޓަމުން ގޮސްފައިވާކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"މިހާރު މިފެންނަ އިހުމާލުގެ މަންޒަރެއް އޭރު ނުފެންނާނެ."

-ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ސުނާމީ ބިނާ މައިޒާން ހުރި ސަރަހައްދަށް ބޮޑެތި ރާޅުއަރާ، އެސަރަހައްދުގެ ތޮށިގަނޑު ދަށުން ވެލިގަނޑު ރާޅާއެކު ދަމާތީ ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ޚާއްޞަކޮށް ގަދަވަޔާއި ވިއްސާރަ ދުވަސްވަރު އެސަރަހައްދުން ދަތުރުކުރާ އުޅަނދުތައް އެތޮށިގަނޑުގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވެފައި ހުރިއިރު ސުނާމީ މައިޒާން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ކުރިން ލޮނުޒިޔާރަތްކޮޅުގައި ހުރި ސުނާމީ ބިނާ، އެސަރަހައްދުގައި ސިނަމާލެ ބްރިޖު ތަރައްޤީކުރުމަށް ބަދަލުކުރީ މިހާރު ސުނާމީ މައިޒާން ހުރި ތިން ރުއް ޕާކަށެވެ. އެތަން މައިޒާނެއްގެ ގޮތުގައި ތަރައްޤީކޮށް ޢާންމުންނަށް ހުޅުވާލާފައިވަނީ 2016 ވަނައަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.