ރައްޖޭގެ ބައިތުލް މާލުން ރައްޔިތުންގެ ފައިދާއާއި ލާބަޔަށް ކުރަންޖެހޭ އެތައް ޚަރަދެއް އެންމެ ފަރުދަކަށް ކޮށް މުޅި ދައުލަތް ވަކި މީހަކަށް ބަރޯސާވާންޖެހޭ ޖެހުންނިމުމަކަށް ގެންނަންޖެހޭ ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ނުރައްކަތެރި ޓެރެރިސްޓް ހަމަލާއަށްފަހު، ބޭސްފަރުއަށްފަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމުން ވަރުގަދަ ސެކިއުރިޓީއަކާއިއެކު އެމަނިކުފާނުގެ އެންމެހައި ޚަރަދުތައް ބަލަހައްޓަމުންދަނީ ދައުލަތުންނެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ޑރ.ޖަމީލް ވިދާޅުވީ ރައީސް ނަޝީދަށް މިއަދު ދައުލަތުން ކުރަމުންދާ ޚަރަދުތަކަކީ އެތައް އާންމު ރައްޔިތުންގެ އަސާސީ ކަންކަންމަށް ހޭދަ ކުރަންޖެހޭ ފައިސާކަމަށެވެ.
މިއަދު ރައްޔިތުންނަށް ރައީސް ނަޝީދަކީ ބޮޑު ބުރައަކަށް ވެފައިވާއިރު އެންމެ ރަނގަޅު ގޮތަކީ ރިޓަޔާ ކުރައްވައި ސިޔާސީ މަސައްކަތުން އެކަހެރި ވުންކަމަށް ޖަމީލް ވިދާޅުވިއެވެ.
އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު މިކުރަނީ ރައީސް ނަޝީދުގެ ގަނޑުވަރުކޮޅާއި ހޮޓަލާއި ސެކިއުރިޓީއަށް. ރައްޔިތުންނަށް ބަލަދުއެރީތޯ؟ މަނިކުފާނަކީ މިއަދު ރައްޔިތުންނަށް ބޮޑު ބުރައަކަށްވެއްޖެ. ރިޓަޔަރ ކުރެއްވުމަށްފަހު ތިނޫން ގޮތެއް ހޯއްދަވާ.
– ޖަމީލް ވިދާޅުވިއެވެ.
އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު މިކުރަނީ ރައީސް ނަޝީދުގެ ގަނޑުވަރުކޮޅާއި ހޮޓަލާއި ސެކިއުރިޓީއަށް. ރައްޔިތުންނަށް ބަލަދުއެރީތޯ؟ މަނިކުފާނަކީ މިއަދު ރައްޔިތުންނަށް ބޮޑު ބުރައަކަށްވެއްޖެ. ރިޓަޔަރ ކުރެއްވުމަށްފަހު ތިނޫން ގޮތެއް ހޯއްދަވާ. pic.twitter.com/vDGp47HGuY
— Mohamed Jameel Ahmed (@MJameelAhmed) October 14, 2021
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިވަގުތު ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސަވާފައިވާ ހޮޓަލާއި، ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ގޮތާމެދު ބައެއް ފަރާތްތަކުން އެކި ސުވާލުތައް އުފައްދާކަމަށެވެ. ނަމަވެސް މިއީ އެމަނިކުފާނުވެސް އެންމެބޭނުންވާ ގޮތް ނޫންކަމަށާ، ބޭނުންފުޅުވަނީ އަމިއްލަ ގެކޮޅުގައި ހުންނެވުމަށް ކަމަށެވެ.
ނަމަވެސް ޙާލަތު ހުރިގޮތުން ރާއްޖޭގެ ސަލާމަތީ ބާރުތަކުން އެމަނިކުފާނު އަމިއްލަފުޅު ގެކޮޅުގައި ހުންނެވުމަށް ޖާގަ ނުދޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެއެވެ. ބައެއް ތަންތަނަށް ވަޑައިގަންނަވާއިރު ސަލާމަތީ ކަންކަން ވަރުގަދަކޮށް ގިނަޢަދަދެއްގެ ސިފައިން ތިބޭތިބުމަކީ ކަންކަން ހިނގައިދިޔަ ގޮތުން ސަލާމަތީ ބާރުތަކުން އަޅާފައިވާ ފިޔަވަޅުތަކެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ދެދަރިކަނބަލުންވެސް ބޭނުންވަނީ ކިތަންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކުވެސް އެ ދެބޭފުޅުންގެ ބައްޕަގެ ސެކިއުރިޓީ ކަށަވަރު ކުރުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެނބުރި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެ ދުވަހެއް މިވަގުތު ދެންނެވޭކަށް ނެތްކަމަށެވެ. އެއީ ސަލާމަތީ ކަންކަން ހުރި ގޮތުން އެމައުލޫމާތު ހާމަކުރަން ސަލާމަތީ ބާރުތަކުން ހުއްދަ ނުދޭކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ބަލައިގަނެވޭ މަސައްކަތްތަކެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.