އެންމެންގެ ޚިދުމަތްތެރި ގަރާޖު ހިންގާ ހަސަންފުޅު ނިޔާވެއްޖެ

އެންމެންގެ ޚިދުމަތްތެރި ގަރާޖު ހިންގާ ހަސަންފުޅު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2021 08:51
0

މާލޭގެ މަޝްހޫރު ގަރާޖު ވިޔަފާރި ކުރަމުންދާ ފަރާތްތަކުގެ ތެރެއިން (ހަސަންފުޅު ގަރާޖް)ގެ ވެރިޔާ ހަސަން ޤާސިމް (ހަސަން ފުޅު) ނިޔާވެއްޖެއެވެ.

ހަސަންފުޅު މާލެއަށް މަޝްހޫރުވެފައިވަނީ، ގަރާޖުގެ ޚިދުމަތް ދޭ ފަރާތެއްގެ ގޮތުގައެވެ. މީގެ 40 އަހަރު ކުރިން ހަސަންފުޅު ފެށި މިމަސައްކަތަކީ އެތައް ބަޔަކަށް އެކަމުން ބޮޑު ފަސޭހަތަކެއް ލިބިގެން ގޮސްފައިވާ މަސައްކަތެކެވެ. ހަސަންފުޅުބެ ގެ ގަރާޖުގައި ސައިކަލާއި ބައިސްކަލުގެ ހުރިހާ ސާވިސްއެއް ވެސް ކޮށްދެ އެވެ. ހަސަންފުޅުބެ ބުނާ ގޮތުން އެ އެއްޗިއްސަށް ދިމާވާ މައްސަލަތައް ހައްލުކޮށްލުމަކީ އޭނާ އަށް އުނދަގޫ ކަމެއް ނޫނެވެ. ބައެއް އެއްޗިއްސަށް ދިމާވާ މައްސަލަތައް އެތާނގައި އުޅޭ ބިދޭސީންނަށް މިހާރު ވެސް ކިޔައިދެނީ އޭނާއެވެ.

އެހެން ހުރިހާ ގަރާޖުތަކާ ހިލާފަށް ހަސަންފުޅުބެ ގެ ގަރާޖު ތަފަތުވާ ކަމަކީ އެ ގަރާޖުން ބައެއް ހިދުމަތްތަައް ހިލޭ ދޭތީ އެވެ. ފުރޮޅަކަށް ވައި ޖަހަން ވެސް އެހެން ގަރާޖަކުން ވިއްޔާ 5ރ. ދޭން ޖެހެ އެވެ. އެކަމަކު މިކަހަލަ ކުދިކުދި ހިދުމަތްތައް އެތަނުން ކޮށްދެނީ ހިލެއެވެ. މަސައްކަތް އެންމެ ފުރަތަމަ ފެށިއިރު އޭނާ ފެށީ ބައިސްކަލު މަރާމާތު ކުރުމުގެ މަސައްކަތެވެ. ނަމަވެސް ފަހުން ސައިކަލުތައް ގިނަވެ، ސައިކަލުތަކުގެ ޑިމާންޑު ބޮޑުވުމުން ހަސަންފުޅުގެ ގަރާޖަކީ ސައިކަލަށްވެސް ޚާއްސަ ގަރާޖަކަށްވެގެން ދިޔައެވެ. އޭނާގެ ގަރާޖުން ޚިދުމަތް ހޯދާ މީހުން އެނޫން އެހެން ތަނަކަށް ޚިދުމަތް ހޯދަން ނުދާކަންވެސް ފާހަގަކޮށްލެވެ. އެންމެ ބޮޑު ސަބަބަކީ ހަސަންފުޅުގެ ސަކަ މިޒާޖާއި، އޮންނަ އެކުވެރިކަމެވެ.

ގަރާޖުން ޚިދުމަތް ހޯދާ މީހުންނަށް ހިލޭ ވައި ޖަހައި ދިނުމާއި، ލޯގަނޑު ބަދަލުކޮށް ދިނުމާއި، މިނޫންވެސް ބައެއް ކަންކަން ހަސަންފުޅު ކޮށްދެނީ އެއްވެސް އެގެއް ނެގުމެއްނެތިއެވެ. އޭނާ މިކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ގޮތުން މި ޚިދުމަތަކީ ހިލޭ ދޭ ޚިދުމަތެއްގެ ގޮތުގައި ވަނީ ހަދާފައެވެ. އޭނާގެ ތިން ދަރިންނަށް ކިޔަވައިދިނުމާއި ދިރިއުޅުމުގެ އެހެން ހުރިހާ ބޭނުންތަކެއް ވެސް ފުއްދީ ގަރާޖުން ލިބުނު ފައިސާ އިންނެވެ.

ހަސަންފުޅު ގަރާޖުގެ ޚިދުމަތް ހޯދަން ދާއިރު، އޭނާއާއި ބައްދަލުނުވާ ފަހަރެއް މަދުވާނެއެވެ. އަބަދުވެސް ގޮޑި އަޅައިގެން ގަރާޖު ކުރިމަތީ އިންނަވައެވެ. އުމުރުން ދުވަސްވެ އަމިއްލައަށް މިމަސައްކަތް ނުކުރެވުމުން ހަސަންފުޅު ވަނީ ބިދޭސީންގެ އެހީއާއިއެކު އޭނާގެ ސީދާ ބެލުމުގެ ދަށުން މިމަސައްކަތް މެދު ކަނޑާނުލައި އޭނާ ދިޔައީ ކުރަމުންނެވެ.

ހަސަންފުޅަކީ ރާއްޖޭގައިވެސް ގަރާޖުގެ ޚިދުމަތް ދިނުމުގައި ނަމޫނާ ބޭފުޅެކެވެ. މާލޭގައި އެންމެ ފުރަތަމަ ގަރާޖު ޚިދުމަތް ދޭންފެށި އަބާގެއިން މިމަސައްކަތަށް ޝައުގުވެރިވި، ހަސަންފުޅަށް މިޚިދުމަތުގައި ކުރިއަށް ދިއުމަށް އެންމެ ބޮޑަށް އެހީތެރިވެދިނީވެސް އަބާގޭގެ ބޭފުޅުންނެވެ. އެގޭ ކުދިން އޭނާއަށް ގަރާޖެއް ހަދައި ޚިދުމަތް ދެވޭނެ ގޮތް ފަހި ކުރުމުން ފާއިތުވެދިޔަ 40 އަށްވިރެ ގިނަ އަހަރުގައި އޭނާ ދަނީ މިޚިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދެމުންނެވެ.

ހަސަންފުޅު ނިޔާވި ޚަބަރަކީ މާލޭގެ ސައިލަކާއި، ބައިސްކަލް ދުއްވާ މީހުންނަށް ހިތާމަވެރި ޚަބަރެކެވެ. ހަސަންފުޅު ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އުމުރުން 76 އަހަރުގައި ހަސަންފުޅު ނިޔާވެފައިވާއިރު، އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު މަސްޖިދުއް ތަޢާވުން (އާސަހަރާ) މިސްކިތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.