ރާއްޖޭގެ ނިޒާމު ހަމަޖެހިފައި އޮތްގޮތުން ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން ދައުލަތުގެ ސިޔާސަތުތައް ކުޅިވަރު އެސޯސިއޭޝަންތަކުން ތަންފީޒު ކުރާހާ ހިނދަކު ސަރުކާރުގެ ނުފޫޒުން އެސޯސިއޭޝަންތައް މިނިވަން ވެދާނެކަމާއިމެދު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ސުވާލު އުފައްދައިފިއެވެ.
ކުޅިވަރު ޤާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ކުރީގެ ޔޫތް މިނިސްޓަރ ޙަސަން ލަތީފް އިސްލާހުތަކެއް ހުށަހަޅުއްވާފައިވާއިރު އެ އިސްލާހުތަކާިއމެދު ގިނަބައެއްގެ ކަންބޮޑުވުންތަކެއް ދަނީ އަމާޒު ކުރަމުންނެވެ. މި އިސްލާހުތަކާއި ގުޅިގެން ކުރީ ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލް ފާޅުކުރައްވާފައިވާ ޚިޔާލުތަކާއި ގުޅިގެން އަލީ ނިޔާޒު ވިދާޅުވީ ރާއްޖޭގެ ނިޒާމު މިހާރު އޮތްގޮތުން ސަރުކާރުގެ ނުފޫޒު ނެދި އެސޯސިއޭޝަންތަކަށް ކުޅިވަރު ހިންގުމަކީ ދުރުކަމެއްކަމަށެވެ.
އެސޯސިއޭޝަންތަކުން ކުރަންބޭނުންވާ ކަންކަން ކުރުމަށާއި، މުބާރާތްތަކުގައި ބައިވެރިވުމުގެ ބޮޑު ބަޖެޓެއް ދައުލަތުގެ ބަޖެޓުން ދޭއިރު، އެސޯސިއޭޝަންތަކުން ހިންގާ ގިނަ ހަރަކާތްތަކަކީ ދައުލަތުގެ ސިޔާސަތު ތަންފީޒު ކުރުންކަމަށް އަލީ ނިޒާޒު ފާހަގަކުރެއްވިއެވެ.
ކުޅިވަރު ސިޔާސީ ނުކޮށް ކުޅިވަރުގެ ފަރާތްތަކުން ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމަކީ އެންމެ ރަނގަޅުގޮތް. ސަރުކަާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެސޯސިއޭޝަންތަަކަށް ފައިސާ ދޭއިރު ސަރުކާރުގެ ނުފޫޒުން އެސޯސިއޭޝަންތައް މުޅިން މިނިވަންވާނެބާ؟
– އަލީ ނިޔާޒު
ހަސަންލަތީފް ކުޅިވަރުގެ ޤާނޫނަށް ހުށަހަޅާފައިވާ މިވާ އިސްލާހުތަކާއި ގުޅޭގޮތުން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިނިސްޓަރ މަހުލޫފްވެސް ވަނީ މި އިސްލާހުތަކާއި ގުޅިގެން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަަށް ބޮޑެތި ގެއްލުންތަކެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މިބިލުގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވެއެވެ.
މިމަސައްކަތަކީ ރާއްޖޭގެ ކުޅިވަރު ހަރުދަނާކޮށް ކުޅިވަރުގެ ދައިރާ ތަރައްޤީ ކުރުމަށް ހެޔޮނިޔަތުގައި ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެންނަން ކުރެވުނު މަސައްކަތެއްނަމަ ބިލު އެކުލަވާލިއިރު، ކުޅިވަރުގެ ވަޒީރާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ މަޝްވަރާއާއި ލަފާ ނުހޯދަންވީ ސަބަބެއް ނެތްކަމަށް ކުޅިވަރު ދާއިރާގެ ގިނަބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއީ ޓީޓީ އެސޯސިއޭޝަން އިންތިޚާބުގައި ދިމާވި މައްސަލަތަކައި ގުޅިގެން މުޅިކުޅިވަރަށް އައިސްގެން އުޅޭ ރޯޅިއެއްކަމަށް ގިބަޔަކު ސިފަކުރެއެވެ.
ކޮމެންޓު ފޮނުވާ