ޤައުމީ ދުވަހު، އެންމެ ބޮޑު އުންމީދެއް ގުޅިފައި އޮތީ ޤައުމީ ޓީމާއި

ޤައުމީ ދުވަހު، އެންމެ ބޮޑު އުންމީދެއް ގުޅިފައި އޮތީ ޤައުމީ ޓީމާއި

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2021 02:19
0

މިއަދު ފާހަގަ ކުރަމުންދާ ދިވެހިންގެ ފަޚުރުވެރި ޤައުމީ ދުވަހުގެ ހުރިހާ އުންމީދެއް ގުޅިފައި އޮތީ މިރޭ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ދިވެހި ރާއްޖެ ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ މެޗަށެވެ.

މިއީ ދިވެހި ތާރީހުގައިވެސް ފުޓުބޯޅައިގެ މިފަދަ ބޮޑު މުބާރާތެއް އަމިއްލަ ފަސްގަނޑުގައި ބޭއްވޭ ފުރަތަމަ ފަހަރެވެ. އަމިއްލަ ފަސްގަނޑުގައި މިބާރާތުގެ ފުރަތަމަ މެޗުން ނޭޕާލް އަތުން ހިތްދަތި ގޮތަކަށް ބަލިވި ނަމަވެސް ރާއްޖޭގެ ޤައުމީ ޓީމުގެ ހިތްވަރު އަދި އެލުވާނުލައެވެ. ދިވެހި ފަސްގަނޑުގައި ދިވެހިންގެ ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ދިވެހިން ނިކުންނަކީ ދިވެހިންގެ އެންމެ އުފާވެރި ދުވަހުގެ ހަދިޔާ ދިވެހިންނަށް ދިނުމަށެވެ. މިއަދުގެ އުފަލުގައި ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު ހަދިޔާއަކަށް ވެގެންދާނީ މިރޭގެ މެޗުން މޮޅުވެ ދިވެހިން މުމުބާރާތުގެ ތައްޓަށް ކުރާ އުންމީދަށް އަމުނާލެވޭ ބޮޅަކަށެވެ.

މިރޭގެ މެޗަށް ދިވެހި ޓީމު ތައްޔާރުވެފައިވާ މިންވަރާއި، އަދި ކުރީ މެޗުގައި ހެދުނު ގޯސްތަކަށްފަހު އޮތީ ވަރަށް ފުރިހަމަށް ތައްޔާރުވެފައިކަމަށް ޤައުމީ ކޯޗު އަލީ ސުޒެއިންވެސް ވަނީ ބުނެފައެވެ. މިރޭގެ މެޗުގައި ދިވެހި ޓީމުން މޮޅުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއްކޮށް، ދިވެހި ރައްޔިތުންނަށް ޤައުމީ ދުވަހުގެ މަރުހަބާ ކިޔުމަށް ޓީމު އޮތީ ތައްތާރަށެވެ.

ރާއްޖެއާއި ނޭޕާލް ކުޅުނު މެޗުގެ ތެރެއިން، ފޮޓޯ: ވަގުތު

ރަސްމީ ބަންދު ދުވަހެއްގައި، ޤައުމުގެ އެންމެ އެންމެ އުފާވެރި އެއް މުނާސަބާ ބައްދަލުވެފައިވާރޭ ދިވެހި ޤައުމީ ޓީމަށް ހިތްވަރުދީ ސަޕޯޓް ކުރުމަށް މުޅި ދިވެހި ޤައުމު އޮތީ އެއްއަޑަކުން ތައްޔާރަށެވެ. "މިއީ އަހަރެމެންގެ ފަހަރު" އަށް ހަދަން ދިވެހި ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. މިއީ "ތިންވަނަ ފަހަރަށް" ހެދުމަށްވެސް ދިވެހި ރައްޔިތުން ތިބީ ކެތް މަދުވެފައެވެ.

މިރޭގެ މެޗުގައި ދިވެހި ޓީމު ނިކުންނާނެކަމަށް ބެލެވެނީ އެޓޭކިން ގޭމަކަށެވެ. މޮޅު ނޫންއެއްވެސް ގޮތެއް މިރޭ ދިވެހި ޓީމަކަށްނެތެވެ. އިދިކޮޅު ވާދަކުރާ ބަންގްލަދޭޝް ޓީމަކީވެސް މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ. ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިރޭގެ މެޗުގައި ބަންގްލަދޭޝްގެ ކޯޗެއްގެ ގޮތުގައި އޮސްކާ ބްރުޒޮން ހުރުމެވެ. އޭނާއަކީ ދިވެހި ރާއްޖޭގެ ފުޓުބޯޅައަށް ފަރިތަ، މިހާރުގެ ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކުވެސް ވަރަށް ރަނގަޅަށް ދަންނަ ކޯޗެކެވެ.

ރާއްޖޭގެ ދަނޑުގައި އޮސްކާ ވަނީ ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އަދި މިމުބާރާތުގައި ބަންގްލަދޭޝްގެ ޓީމާއި ހަވާލުވިފަހުން އޭނާ ވަނީ ވާދަވެރި އިންޑިޔާއާއިވެސް އެއްވަރުކޮށްފައެވެ. އަދި ލަންކާ ބަލިކޮށްފައެވެ. މިއީ ބަންގަލަދޭޝް މިމުބާރާތުގައި ކުޅޭ ތިންވަނަ މެޗެވެ. މިމެޗަކީ މުބާރާތުގެ ފައިނަލަށް ދިއުމަށް އެޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ.

ބަންގްލަދޭޝްގެ ކޯޗް، އޮސްކާ، އެޓީމުގެ އޮފިޝަލުންނާއިއެކު، ފޮޓޯ: އެފްއޭއެމް

މިރޭގެ މެޗަށް ދިވެހި ޓީމު ނިކުންނަކީ މިހުރިހާ ކަމެއް ރަނގަޅަށް ދެނެތިބެއެވެ. ހުނަރުގެ ގޮތުން ރާއްޖޭގެ ޓީމަކީ މޮޅު ހުނަރުވެރި ގިނަ ކުޅުންތެރި ތިބި ޓީމަކަށްވާއިރު، ބަންގްލަދޭޝްގެ މައްޗަށް ރާއްޖެއަށް ކުރި ނުހޯދެންވީ ސަބަބެއް ނެތެވެ. ރާއްޖެއިން 2018 ގެ މުބާރާތް ކާމިޔާބުކުރުމަށް ފަހު މިއީ ތަށި ދިފާއުކުރަން ނިކުތް ފަހަރެކެވެ. ޓީމުގެ ކުޅުންތެރިންވެސް ތިބީ އެ އަޒުމުގައެވެ. ނަމަވެސް ނޭޕާލް އަތުން ބަލިވުމުން ރާއްޖެއަށް މި ވަނީ އިތުރު ޕްރެޝަރަކާއި ކުރިމަތިވެފައެވެ. މުބާރާތުގައި ބާކީ ހުރި މެޗުތަކުން ރަނގަޅު ނަތީޖާ ކޮންމެހެންވެސް ނެރެން އެބަޖެހެއެވެ.

މިރޭގެ މެޗުގައި ދިވެހި ޓީމުން ކާމިޔާބު ހޯދުމަށް އެއްއަޒުމެއްގައި ނިކުންނަ އިރު 12 ވަނަ ކުޅުންތެރިޔާގެ ދައުރު އަދާކުރުމަށް މިރޭ ގަލޮޅު ދަނޑު ގުގުމާލާނެއެވެ. ދިވެހި ސަޕޯޓަރުންގެ މިރޭ ދިވެހި ޓީމު މޮޅު ކޮށް ދިނުމަށް ފަހުވަގުތާއި ހަމައަށް ސަޕޯޓް ދިނުމުގައި ހުއްޓާ ނުލާނެކަމީ ކަށަވަރުވާކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.