ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021″ ގައި ސްރީ ލަންކާ ބަލިކޮށް ތާވަލުގެ އެއްވަނައަށް ނޭޕާލް ޖެހިލައިފިއެވެ.
މި މޮޅާއެކު ނޭޕާލް އޮތީ ގްރޫޕުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އެވެ. ނޭޕާލް ވަނީ ފުރަތަމަ މެޗުގައި ރާއްޖެ 1-0 އިން ބަލިކޮށްފަައެވެ. ދެވަނައިގައި އޮތީ މިއަދު ހަވީރު އިންޑިއާއާއި މެޗު އެއްވަރުކުރި ބަންގްލަދޭޝް އެވެ. އެ ޓީމު އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. މުބާރާތުގައި މި ދެ މިހާތަނަށް މި ވަނީ ދެ މެޗު ކުޅެފައެވެ. ސްރީލަންކާ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަންގްލަދޭޝް އަތުން ބަލިވެފައެވެ. އަދި ނޭޕާލް ކުޅުނު ފުރަތަމަ މެޗުގައި ވަނީ ދިވެހިރާއްޖެ 1-0 އިން ބަލިކޮށްފައެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ނޭޕާލުންނެވެ. ލަންކާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 31 ވަނަ މިނެޓުގައި މި ލަނޑު ނޭޕާލަށް ކާމިޔާބުކޮށްދިނީ ސުމަން ލަމާއެވެ. އަދި މެޗުގެ ދެވަނަ ހާފު ފަށައިގެން ނޭޕާލުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މި ހާފުގެ ވަރަށް ކުރީކޮޅު ނޭޕާލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަވަން ޝެރެސްތާއެވެ.
އޭގެ ފަހުން މެޗުގެ 57 ވަނަ މިނެޓުގައި ލަންކާގެ މާހިން ހަމިލްޓަން އޮމެލޭ ވަނީ އޭރިއާ ބޭރުން ހިތްގައިމު ލަނޑެއް ކާމިޔާބުކޮށްދީ، ލަންކާއަށް ފަރަގު ކުޑަކޮށްފައެވެ. އެކަމަކު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ނޭޕާލުން ވަނީ އިތުރު ލަނޑެއް ޖަހައި އަލުން ލީޑު ފުޅާކޮށްފައެވެ. ލަންކާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޔުޝް ގަހުލަންއެވެ.
ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ލަންކާގެ ޑިލޮން ސެނަން ޑި ސިލްވާ ވަނީ އަނެއްކާވެސް އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ނޭޕާލުގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައަށް ނޭޕާލް ޖެހިލީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ބަންގްލަދޭޝްއެވެ. އަދި ޕޮއިންޓަކާއެކު ތާވަލުގެ ތިންވަނައިގައި އިންޑިއާ އޮތްއިރު، ހަތަރުވަނައިގައި އޮތް ރާއްޖެ އާއި ފަސްވަނައިގައި އޮތް ސްރީ ލަންކާއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ