ނަސްރުގެ ދުވަހާއި ގުޅިގެން "ބަޑި ބުރާސްފަތި" ނަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
1988 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަދުވަހު ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގައި އުޅުނު ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ ހާދިސާއާއި ގުޅިގެން ބާއްވާ މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެރޭ 21:25 ގައި ކާނިވާ ސަރަހައްދުގައެވެ.
މިޖަލްސާ ބާއްވާނެކަން ހާމަކުރުމަށް މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޖަލްސާ އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ނޮވްބަރު3 ފާހަގަކުރުމަކީ މިސަރުކާރަށް ކުރަން ކެރޭނެ ކަމެއް ނޫންކަމަށެވެ. ނޮވެމްބަރު3 ހާދިސާއަކީ މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ އާއިލީ ބޭފުޅުން ގުޅިގެން ރާވައިގެން ރާއްޖޭގައި ހިންގާފައިވާ ބޮޑު ޖަރީމާއަކަށްވާއިރު މިދުވަސް ފާހަގަކުރުމަކީ މިއަދުގެ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިން ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއި، ދިވެހިރައްޔިތުންގެ މިނިވަންކަމާ ދެކޮޅަށް ބަޔަކު ދިން ނުރައްކާތެރި ބިރުވެރި މިޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުންނަށް ނަޞްރު ލިބުން ފާހަގަކުރުމަށްޓަކައެވެ.
އެދުވަހު 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލެ، ދިވެހި ޤައުމަށް ޣައްދާރުވި އަދާވާތްތެރިންގެ ބާރުގެ ދަށަށް ގެންދިޔައެވެ. ހަތިޔާރާއެކު ދިވެހި ސިފައިންގެ މައި މަރުކަޒަށް ޙަމަލާދެމުން ގެންދިޔައެވެ. މި ޙަމަލާތަކުން ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ނިކުތް ސިފައިންގެ 8 ބޭފުޅަކު ބާޣީންގެ ޙަމަލާތަކުގެ ޝިކާރައަކަށްވެ ޝަހީދުވެގެންދިޔައެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުކޮށްލި 11 މީހުންނާއެކު ޖުމްލަ 19 މީހުން މި ޢުދުވާނީ ޙަމަލާގައި ވަނީ ޝަހީދުކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ