ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންވައިގެން ބަރުލަމަނީ ނިޒާމު ގެނައުމަށް ކުރަމުންދާ ކެމްޕެއިންގެ ތެރެއިން ނިމިދިޔަ އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ގައިޑެންސް އައްބާސް ބަރުލަމަނީ ޕެޓިޝަންގައި ސޮއިކޮށްފިއެވެ.
ނިމިދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރެއްވި ކެނޑިޑޭޓުން ވަނީ ކާމިޔާބު ކޮށްފައެވެ. ރައީސް ނަޝީދަށް ތާއީދު ކުރާ އަދި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މެމްބަރުންނަށް މިއިންތިޚާބުގައި ގޮޑިތަކެއް ލިބިފައިވެއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގައި 140 އަށްވުރެ ގިނަ ބޭފުޅުން ތަމްސީލް ކުރައްވާއިރު ރޭ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ސޮއިކުރި ގައިޑެންސް އައްބާސްގެ ސޮޔާއިއެކު، ޤައުމީ މަޖިލީހުގައި މިހާތަނަށް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ 55 ގޮޑި ކަށަވަރު ވެފައިވާކަމަށް، ބަރުލަމާނީ ޕެޓިޝަންގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރުން ދަނީ ބުނަމުންނެވެ.
އެމްޑީޕީގެ ޤައުމީ މަޖުލީހަށް ބޮޑު އަގުލަބިއްޔަތަކުން ހޮވިފައިވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ގައިޑެންސް އައްބާސް ބަރުލަމާނީ އަށް ސޮއިކޮށްފި.މިއީ 55 ވަނަ ގޮނޑި pic.twitter.com/3ONJUx7Wk2
— Mohamed Nishan Ibrahim (@MohNishan) October 2, 2021
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މީހަކުވަނީ އިންތިޚާބު ވެފައެވެ. ޤައުމީ މަޖިލީހަށް އިންތިޚާބަށް ހޮވުނު މީހުންގެ ތެރޭގައި ސަރުކާރުގެ ވަޒީރުންނާއި މަތީ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ފަރާތްތައް ހިމެނެއެވެ.
އިންތިޚާބުގެ ވޯޓް ނެގުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މިބޭފުޅުން ހޮވިފައިވަނީ ކުރިމަތިލާންޖެހޭ އަދަދަށްވުރެ އިތުރަށް މެމްބަރުން ކުރިމަތި ނުލުމުންނެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި އިންތިޚާބެވެ. އެމްޑީޕީގެ އިންތީޚާބުތަކާއި ބެހޭ ޤަވާއިދު ބުނާ މުއްދަތުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ