ބައެއް ތަންތަނަށް ދިއުމާއި، އަދި އާންމު ދަތުރު ފަތުރުގެ ވަސީލަތްތައް ބޭނުން ކުރުމުގައި ކޯވިޑް19 ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައި ވުން ސައުދީ އަރަބިއާގައި ލާޒިމް ކޮށްފިއެވެ.
މިގޮތުން ސައުދީ ސަރުކާރުން އާންމު ކޮށްފައިވާ އާ ގަވާއިދުގައިވާ ގޮތުން، ސަރުކާރު އިމާރާތްތަކަށާއި، ސްކޫލްތަކަށާއި، އިވެންޓް ތަކަށާއި، އަދި މީގެ އިތުން އާންމު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައްވެސް ބޭނުން ކުރެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.
ސައުދީ ޕްރެސް އޭޖެންސީ (SPA)އިން ހާމަ ކޮށްފައިވާ ގޮތުގައި، އަލަށް އާންމު ކުރި މިގަވައިދަށް އެގައުމުގައި އަމަލް ކުރަން ފަށާނީ އޮކްޓޯބަރުމަހުގެ 10ވަނަ ދުވަހުން ފެށިގެންނެވެ.
ސައުދީ އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާން SPAއަށް ދިން އިންޓަރވިއު އެއްގައި ބުނެފައިވަނީ، ސައުދީގެ ރައްޔިތުންނާއި އަދި އެގައުމުގައި ދިރިއުޅެމުންދާ މީހުންވެސް މިގަވައިދުތަކަށް ފުރިހަމަޔަށް ބޯލަމަބަން ޖެހޭނެ ކަމުގައެވެ.
ފާއިތުވެދިޔަ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުންފެށިގެން ސައުދީގައިވަނީ، އެއްވެސް ވަރަކަށް ވެކްސިން ނުޖަހާ ފަރާތްތައް އާންމު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް ބޭނުން ކުރުން މަނާ ކުރުމުގެ އިތުރުން، ސަރުކާރު އޮފީސްތަކަށް ވަނުންވެސް މަނާ ކޮށްފައެވެ. އަދި މީގެ އިތުރން ވެކްސިން ނުޖަހާ ފަރާތްތައް އެއްވެސް އިވެންޓަކަށް ހާޒިރުވުންވެސް ވަނީ މަނާ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ