ޖަލުތަކުގެ ޙާލަތު ރަނގަޅުކަމަށް ރައީސް ޔާމީންވެސް ޤަބޫލުކުރައްވާ: ޢިމްރާން

ޖަލުތަކުގެ ޙާލަތު ރަނގަޅުކަމަށް ރައީސް ޔާމީންވެސް ޤަބޫލުކުރައްވާ: ޢިމްރާން

Author
މުޙައްމަދު ޖިމީ
02 އޮކްޓޯބަރ 2021 09:26
0

ރާއްޖޭގެ ޖަލުތަކުގެ ޙާލަތު މިހާރު ރަނގަޅުކަމަށް، ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންވެސް ޤަބޫލުފުޅުކުރައްވާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ، ހޯމް މިނިސްޓަރުކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގަތީވެސް ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށްކަމަށެވެ. އެގޮތުން އެމަނިކުފާނު ރައީސް ޔާމީންގެ ވެރިކަމުގައި ޖަލުގައި އޮންނެވިއިރު ވަރަށް ގިނަ ތަޖުރިބާތައް ކުރައްވަން ޖެހިވަޑައިގަތްކަމަށާއި، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ދެކެވަޑައިގަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައުމާއެކު ޙަވާލުވެވަޑައިގަންނަވާނެ ދާއިރާއަކާ ގުޅޭގޮތުން ތިން ހުށައެޅުމެއް ލިބިވަޑައިގަތްކަމަށާއި، އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރުކަމާއި، ހޯމް މިނިސްޓަރުކަމާއި އިތުރު އެހެން ހުށައެޅުމެއްވެސް ލިބިވަޑައިގަތްކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ހޯމް މިނިސްޓަރުކަން އިޚްތިޔާރުކުރެއްވީ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރައްވަން ބޭނުންފުޅުވާތީކަމަށް ޢިމްރާން ވިދާޅުވިއެވެ.

ޖަލުގައި ހުންނެވި ދުވަސްވަރު ސިޔާސީ ގޮތުން އެއްވެސް ޤައިދީއަކު ތަޖުރިބާކުރަން ނުޖެހޭ އެތައްކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތްކަން ފާހަގަކުރައްވަމުން ޢިމްރާން ވިދާޅުވީ، އެންމެ ބޮޑެތި ކުއްވެރިންނާއެކު ދޫނިދޫ ޖަލުގައި 100 ވަރަކަށް ދުވަސް ހޭދަކުރެއްވިކަމަށެވެ. އަދި 115 ވަރަކަށް ދުވަހު މާފުށީ ޖަލުގައިވެސް ބޮޑެތި ކުއްވެރިންނާއެކު ހުންނެވިކަމަށާ، މާފުށީ ޖަލުގައި އެންމެ ސެކިއުރިޓީ ވަރުގަދަ ތަނުގައި ހުންނެވިއިރު ވަރަށް ގިނަ މަންޒަރުތައް ފެނިވަޑައިގެން ވަރަށް ގިނަ އަޑުތައް އިވި ވަރަށް ގިނަ ތަޖުރިބާތައް ލިބިވަޑައިގަތްކަމަށް ޢިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ، ޖަލުތަކުގެ އޭރުގެ ހާލަތަށް ބަލައި، މިހާރު ބޮޑު ބަދަލެއް ގެނައުމުގެ އަޒުމުގައި ހުންވިކަމަށާ، އެ އަމާޒަށް ކުރައްވާ މަސައްކަތުގެ ދަށުން ގިނަބަދަލުތަކެއް ޖަލުތަކަށް މިހާރުވެސް ގެނެވިފައިވާކަމަށެވެ. ޢިމްރާން ވިދާޅުވީ، ޖަލުތަކަށް ހެޔޮ ބަދަލެއް އައިސްފާވާކަން ރައީސް ޔާމިންވެސް ޤަބޫލުފުޅުކުރައްވާފައެވެ.

ރައީސް ޔާމީނާ އަޅުގަނޑު ބައްދަލުކުރި ދުވަހެއްގައި ވިދާޅުވި، މިހާރުވެސް މިތަންތަން މިހުރީ މިގޮތަށް ނުންހޭ. އަޅުގަނޑު ދެންނެވިން ރައީސް ޔާމީންއޭ ރަނގަޅޭ، މަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ފަސް އަހަރު ދުވަހުގެ ތެރޭގައި މަނިކުފަނު ވެރިކަމުގައި ނުކުރައްވާ ވަރަށްވުރެ، މާ ގިނަ މަސައްކަތް އަޅުގަނޑު މި 2 އަހަރު ތެރޭގައި ކޮށްފީމޭ. މާ ގިނަ ބަދަލު ގެނެސްފީމޭ. މިހުރީނުންހޭ އައިސްފައިވާ ބަދަލުތައް. ވިދާޅުވި ޢިމްރާން މިތާހުރެ ކަންކަން ފެނުނީމަނޫންހޭ. ތިމަންނަވެސް މިހާރުވެސް މިތަނުން ނިކުމެވިއްޖެއްޔާ ގެންނަންޖެހޭ ބަދަލު ގެންނާނަމޭ. އަޅުގަނޑު ދެންނެވިން މަޑުކުރައްވާށޭ މަނިކުފާނަށް ފުރުޞަތު ލިބިވަޑައިގަންވަންދެން.

– ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ މައްޗަށް ޖަލު ހުކުމް އިއްވީ މެއި 1، 2015 ގައި، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވައި ވާހަކަ ދެއްކި ކަމަށް ތުހުމަތުކޮށެވެ. ޓެރަރިޒަމްގެ ކުށުގައި އެމަނިކުފާނުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު އެހުކުމް އަލުން ރިވިއުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުމާއެކު ވަނީ މިނިވަންވެފައެވެ.

ރައީސް ޔާމީން ޖަލުގެ ހާލަތު ރަނގަޅުކަމަށް ޤަބުލުކުރައްވާކަމަށް ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ ދައުރުގައިވެސް ސިޔާސީ ކުއްވެރިން ބޭތިއްބުމަށް ޖަލިުގައި ޚާއްޞަ ސަރަަހްދެއް ކަނޑައެޅިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގާއި ގުޅިގެން ޖަލުގައި ގިނަ ދުވަސް ތަކެއް ހޭދަކުރެއްވުމަށްފަހު، ކޯވީޑައި ގުޅިގެން އެމަނިކުފާނު މިވަގުތު ހުންނެވީ ގޭބަންދުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.