ފޮރުވާނެ ކަމެއްނެތް، ފޮށި ފުޑުފުޑު ކޮށްލާފައިވެސް އެގްރިމަންޓްތައް ހާމަކުރާނަން: ޝުޖާ

ފޮރުވާނެ ކަމެއްނެތް، ފޮށި ފުޑުފުޑު ކޮށްލާފައިވެސް އެގްރިމަންޓްތައް ހާމަކުރާނަން: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2021 11:05
0

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް އަސަރު ކުރާނޭ ގޮތަކަށް ދިވެހި ސަރުކާރުން އަވަށްޓެރި އިންޑިއާއާއިއެކު ވަމުންދާ ސިއްރު އެއްބަސްވުންތައް ކިތަންމެ އަޑީގައި ބޮޑު ފޮށީގައި ފޮރުވާފައި ބެހެއްޓިޔަސް، އެފޮށި ފުޑުފުޑު ކޮށްލައި އެގްރީމަންޓްތައް ހާމަކުރާނޭކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލް ހުޅުމާލެ ދާއިރާވެސް ތަމްސީލް ކުރައްވަމުންދާ ޝުޖާ ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަށުން ނޫސްވެރިން އެގްރީމަންޓްތައް ހޯދަން އެދުމުން އެގްރީމަންޓްތައް ފޮރުވާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ހައްގެއްގެ ބޭނުން ކުރުމުން އެކަން މިސަރުކާރުން ނިގުޅައި ގަންނަމުންދާކަމަށެވެ.

ކިތަންމެ ވަރަކަށް އެގްރީމަންޓްތައް ފޮރުވިނަމަވެސް ފޮށި ފުޑުފުށު ކޮށްލާފައިވެސް އެގްރީމަންޓްތައް ހާމަކުރާ ވަގުތު ޖެހެމުންދާކަމަށް ޝުޖާ ވިދާޅުވިއެވެ. ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ނުރައްކާ އޮތް ކަންކަމަކީ ފޮރުވައިގެން ބޮޑު ފޮށީގައި ގެންގުޅޭނެ ކަމެއް ނޫންކަމާއި، މިނިވަންކަމަކީ ދިވެހިންގެ ލެޔާއި ހިތާއި ގުޅިފައިވާކަމެއްކަމަށެވެ.

ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ވަރަށް އިންޑިއާ ސިފައިންނާއި، އިންޑިއާގެ ބާރުތައް މިޤައުމުގައި އަށަގަންނަމުންދާކަމީ ދިވެހި ރައްޔިތުން ނުހަނު ބިރުގަންނަ ކަމެއްކަމަށް ޝުޖާ ވިދާޅުވިއެވެ. ނަމަވެސް ދިވެހި ރައްޔިތުންނަކީ މިނިވަންކަމުގެ ދިފާއުގައި ނިކުމެ އެމިިނިވަންކަން ހޯދުމަށް ފަސްޖެހޭނެ ބައެއް ނޫންކަމަށާއި، ދިވެހި ރައްޔިތުން މިރެއިން ފެށިގެން ފަށާ މަސައްކަތަކީ މިނިވަންކަމުގެ ދިފާއުގައި، މިޤައުމު ސަލާމަތްކުރަން ފަށާ މަސައްކަތެއް ކަމަށެވެ. ދިވެހި ރައްޔިތުންގެ ހައްގުގައި އިދިކޮޅު ކޯލިޝަނުން މިފެށި މަސައްކަތް ނިންމާލާނީ މި ޤައުމު މިނިވަން އައްސޭރިއަކަށް ގެނެސްދިނުމަށް ފަހުގައިކަމަށް ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވަނީ މިރޭގެ ޖަލްސާގައި ހިންދުސްތާނު ބަހުންވެސް އިންޑިއާއަށް ބަސްތައް ރައްދު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.