އެމްޑީޕީގެ އިންތިޚާބާއި ގުޅިގެން 30 ޝަކުވާ ހުށައަޅައިފި

އެމްޑީޕީގެ އިންތިޚާބާއި ގުޅިގެން 30 ޝަކުވާ ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
28 ސެޕްޓެމްބަރ 2021 07:18
0

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން މިހާތަނަށް 30 ޝަކުވާއެއް ހުށައަޅާފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ނިމިގެން ގޮސްފައިވަނީ ވަރަށް އަމާން ކަމާއި އޮމާންކަމާއި އެކީގައެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓުލުން ކުރިއަށް ގޮސްފައިވާއިރު، އިންތިޚާބު ބޭއްވިދުވަވެސް މާބޮޑެތި ޝަކުވާތަކެއް ލިބިފައި ނުވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މި އިންތިޚާބުގައި 90،000އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަން އެމްޑީޕީން ހާމަކޮށްފައިވެއެވެ. އަދި އިންތިޚާބުގައި 284 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

އެމްޑީޕީން ބުނީ އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި 30 ޝަކުވާ މިހާތަނަށް އެޕާޓިއަށް ހުށައަޅަފައިވާކަމަށެވެ.

އެމްޑީޕީ ދެ ފެކްޝަނަށް ބެހިފައިވާއިރު ހޮނިހިރު ދުވަހުގެ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ތާއީދު ކުރާ މެމްބަރުން ކަމަށް އެ ފެކްޝަނުން ދެކެއެވެ. ނަޝީދުގެ ފެކްޝަނުން ދެކޭ ގޮތުގައި ގައުމީ މަޖިލީހަށް ހޮވިޑައިގަތް މެޖޯރިޓީ މެންބަރުންނަކީ ބަރުލަމާނީ ފިކުރުގެ މެންބަރުންނެވެ.

އިންތިޚާބާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މިރޭ 8 ގެ ކުރިން ޝަކުވާއެއް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މީހަކު ވަނީ އިންތިހާބު ވެފައެވެ. ޤައުމީ މަޖިލީހަށް އިންތިޚާބަށް ހޮވުނު މީހުންގެ ތެރޭގައި ސަރުކާރުގެ ވަޒީރުންނާއި މަތީ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ފަރާތްތައް ހިމެނެއެވެ.

އިންތިހާބުގެ ވޯޓް ނެގުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މިބޭފުޅުން ހޮވިފައިވަނީ ކުރިމަތިލާންޖެހޭ އަދަދަށްވުރެ އިތުރަށް މެމްބަރުން ކުރިމަތި ނުލުމުންނެވެ. މި އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި އިންތިޚާބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.