ކުރީގެ ފިރިމީހާއަށް ވަޅިން ހަމަލާދީ މަރާލިކަމަށް ކުށް ސާބިތުވެފައިވާ މަރްޔަމް ނަޒާހާގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.
ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން 2011 ވަނަ އަހަރު ދަށު ކޯޓުން ހުކުމްކޮށްފައިވަނީ ޖޫން 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ސާބިތުވުމުންނެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ، ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު)ގެ ބުރަކައްޓަށް ފަސް އިންޗީގެ ތިލައެއް ހުރި ވަޅިއެއް ހެރިކަމުގެ ކުށެވެ. އެކަން ކުރިކަމަށް ނަޒާހާ ކްރިމިނަލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް އިންކާރުކޮށްފައެއް ނުވެއެވެ.
ނަމަވެސް ޗަރީޢަތުގައި ނަޒާހާ ބުނެފައިވަނީ ކުރީގެ ފިރިމީހާއަށް ހަމާލާދެވުނީ އޭރު ތަހައްމަލު ކުރަން ޖެހިފައިވާ އަނިޔާގެ ސަބަބުން ނަފްސާނީ ހާލަތެއްގައި ހުރެގެންކަމަށެވެ. އެހެންނަމަވެސް ހައިކޯޓުން ވެސް ނިންމާފައިވަނީ އެކަން ނަޒާހާއަށް ސާބިތުކޮށް ނުދެވޭކަމަށެވެ. އަދި ގަސްދުގައި މީހަކު މަރާލުމުގެ ހުރިހާ ރުކުނެއް ސާބިތުވާކަމަށްވެސް ހައިކޯޓުން ހުކުމް ކޮށްފައިވެއެވެ.
މި މައްސަޅާގައި ދަށު ކޯޓުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށް ހުކުމްކޮށްފައި ވަނީ މޭ 31، 2015 ގައެވެ.
މި މައްސަލަ 6 އަހަރު ފަހުން ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ ފުރަތަމަ ކޯޓުގެ ރަޖިސްޓްރާ ވަނީ އެމައްސަލަ ބޭރުކޮށްލައިފައެވެ. އެއީ އިސްތިއުނާފީ މުއްދަތު ފަހަނައަޅާ ގޮސްފައިވާ މައްސަލައަކަށް ވާތީކަމަށް ވިދާޅުވެއެވެ. ރަޖިސްޓްރާގެ އެ ނިންމުން ނަޒާހާގެ ފަރާތުން އަލުން އިސްތިއުނާފް ކުރުމުން މިމަހުގެ 22 ވަނަ ދުވަހު ވަނީ އެ މައްސަލައާ ގުޅިގެން އިޖުރާއީ އަޑުއެހުމެއް ބާއްވާފައެވެ.އަޑުއެހުމުގައި ނަޒާހާ ވަނީ އިސްތިއުނާފީ ހައްގު އޭރު ދޫކޮށްލި ސަބަބުތައް ކިޔައިދީފަ އެވެ.
ނަޒާހާޝަރީއަތުގައި ބުނީ, އޭނާގެ މައްޗަށް ޝަރީއަތް ހިންގައި އެކަން މީޑިއާތަކަށް އަރަމުންދާތީ އާއިލާއަށާއި ހާއްސަކޮށް އޭނާގެ ފިރިހެން ދަރިފުޅަށް އޭގެ ސަބަބުން ފުރައްސާރަތައް ކުރިމަތިވެ, ނަފްސާނީ އަސަރުތައް ކުރަމުންދިޔަކަމަށާއި، ކޫލުގައި ވެސް ދަރިފުޅަށް އެކަމާ ގުޅޭ ސުވާލުތައް އަމާޒުވަމުން ދިޔަ ކަމަށެވެ.އެހެންކަމުން ސްޕްރީމް ކޯޓަށް ހުށަހަޅައިގެން އިތުރަށް ދަރިފުޅަށް އެ ވާހަކަތައް އަޑުއަހަން ޖެހޭނެ ގޮތްވުން ނަޒާހާ ބޭނުން ނުވީ އެވެ. އެކަމަކު, ކްލެމެންސީ ބޯޑަށް ހުށަހަޅައިގެން ހުކުމަށް ލުޔެއް ހޯދުމަށް އޭނާ މަސައްކަތް ކުރިއެވެ. ހައިކޯޓުން ވަނީ ނަޒާހާ އެދިއްޖެނަމަ އޭނާގެ ހުކުމް ލުއިކޮށްދެވިދާނެ ކަމަށް ކަނޑައަޅާފައެވެ. އެގޮތުގެ މަތިން ނަޒާހާގެ ޖަލު ހުކުމުން ފަސް އަހަރު އުނި ކުރުމަށް ކްލެމެންސީ ބޯޑުން އޮތީ ނިންމާފައެވެ.
މީގެކުރިން ވެސް ސުޕްރީމް ކޯޓުން އިސްތިއުނާފު މުއްދަތު ހަމަވި ފަހުން ހުށަހެޅި ބައެއް މައްސަލަތަކަށް ހުއްދަ ދީފައިވެއެވެ. އަދި އެމައްސަލތައް ކުރިއަށްގެންގޮސްފައިވެސް ވެއެވެ.