ކަފާލާތުން ޔާމީން ދޫކޮށްލުމާއި މެދު ގޮތެއް ނިންމުން އަންނަ ހޯމަ ދުވަހު

ކަފާލާތުން ޔާމީން ދޫކޮށްލުމާއި މެދު ގޮތެއް ނިންމުން އަންނަ ހޯމަ ދުވަހު

Author
މުޙައްމަދު ޝަޒައިމް
27 ސެޕްޓެމްބަރ 2021 02:36
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމާ މެދު އަންނަ ހޯމަ ދުވަހު ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.

ސުޕްރީމް ކޯޓުގެ މަރުހަލާގައި ޔާމީންގެ ފަރާތުން އިސްތިއުނާފީ 22 ނުކުތާއެއް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުންތައް އިއްވައި ނިމުނީ ހަތަރު ދުވަހުން ބޭއްވި ފަސް އަޑުއެހުމެއްގައެވެ. ދިގު ފަސް އަޑުއެހުމަކުން އިއްވި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން އެންމެ އަޑުއެހުމެއްގައި ޖަވާބު އަރުވާފައިވެއެވެ. މިއަދުގެ އަޑުއެހުމުގައި އިސްތިއުނާފް ކުރާ ފަރާތަށް ދައުލަތަށް ރައްދު ދޭން ފުރުސަތު ދިނެވެ. ދައުލަތަށް ވެސް އަދި އެއް ފުރުސަތު ދެވޭނެއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުން ފަސްކޮށްދިނުމަށެވެ. ރައީސް ޔާމީނަށް މި ހުށަހެޅުމާ މެދު ވާހަކަދައްކަވަން ރިޔާސަތުން ދެއްވި ފުރުސަތުގައި ވިދާޅުވެފައިވަނީ މިކަމާ ގުޅިގެން ވާހަކަ ދައްކަވާނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިމި އަދި ދައުލަތުން ވެސް ރައްދު ދިނުމުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ޖަލު އަދަބާ ގުޅިގެން ޝަރީއަތުން އެންމެ ފަހުން އަޑުއެހުން ބޭއްވި ދުވަހު ކުރެއްވި ސުވާލަށް ވެސް ޖަވާބު ދީފަ އެވެ. އެ ސުވާލަކީ ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ކޮށްފައިވާ ސުވާލެކެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ މަރުހަލާގައާއި ހައި ކޯޓުގެ މަރުހަލާގައި ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައި ނުވާ ބައެއް ހެކިތައް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާއިރު އޭގެ ބައެއް ކަންކަން އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ވަނީ ފާހަގަ ކުރައްވައިފައެވެ. މި ގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުގައި ޔާމީންގެ ފައިސާ ހުރި ކަން އެނގޭނެ ހެކިތަކާއި ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދުއާ ބައްދަލުނުވާ ކަން ސާބިތު ކުރަން ވެގެން އަދީބާއި މުއައްވިޒާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ޗެޓްލޮގްތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.