"އެންމެ ކުޑަ އުޖޫރަ" ވެފައިވަނީ ސިވިލް ސަރވިސް އާއި އެހެނިހެން ދާއިރާތަކުގެ މުވައްޒަފުންގެ އެއިރަކު ފާޅުކުރާ ކަންބޮޑުވުންތައް މައިތިރިކުރުމަށް ސަރުކާރުން ތަޅާ ބޯޅައަކަށްކަމަށްކަމަށާއި، ސިވިލް ސާރވިސް މުވައްޒަފުންނާމެދު މިސަރުކާރު ދެށުނީއްސުރެ ޢަމަލުކުރަނީ ދެވަނަ ދަރަޖައިގެ މުވައްޒަފުންގެ ގޮތުގައިކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ ދިވެހި ސިވިލް ސަރވިސް ޤާނޫނުގައި ބުނާފަދައިން ސަރުކާރު ހިންގުމުގެ މައިގަނޑު މަސައްކަތްތައް ކުރާ މުވައްޒަފުންކަމަށާއި، ނަމަވެސް އެ މުވައްޒަފުންނާމެދު ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙްގެ ސަރުކާރުން ފެށުނީއްސުރެ މިއަދާ ހަމައަށްވެސް ޢަމަލުކުރަމުން ދަނީ ދެވަނަ ދަރަޖައިގެ މުވައްޒަފުންގެ ގޮތުގައިކަމަށް ބުނެފައިވެއެވެ.
އެމްޑީޕީގެ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު އެ މުވައްޒަފުންނަށް ލިބިދޭ ޢިނާޔަތްތައް ކަނޑާލުން ނުވަތަ އުނިކޮށްލުންފަދަ ކަންކަން ހިންގާފައިވާގޮތްކަމަށާއި، 2008 ވަނަ އަހަރު އިންތިޚާބުވި އެމްޑީޕީގެ ސަރުކާރާއެކު ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަތައް އުނިކޮށްލިކަމުގެ ހަނދާންތައް މި ބަޔާނުގައި އައުކޮށްފައިވެއެވެ. އަދި އެމުސާރަތައް އިޢާދަކޮށްދިނުމަށް ކޯޓުތަކުން ޙުކުމް ކުރުމުންވެސް ރައީސް ނަޝީދުގެ އޭރުގެ އެމްޑީޕީ ސަރުކާރުން އެކަން ކޮށްފައެއް ނުވާކަމަށްވެސް ބުނެފައިވެއެވެ.
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ރަނގަޅު ކޮށްދޭނެ ކަމަށް މަތިމައްޗަށް ވަޢުދުވެގެން އިންތިޚާބުވި ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙުގެ މިހާރުގެ ސަރުކާރުން އެވަޢުދުތައް ފުއްދުމުގެ ބަދަލުގައި ފެނިގެންދަނީ މަތިމައްޗަށް ސިޔާސީ މަޤާމުތައް އުފައްދައި ދައުލަތުގެ ޚަޒާނާ އެމަނިކުފާނުގެ އަމިއްލަ ޖާހު ބޮޑުކުރުމަށް ހޭދަކުރާ މަންޒަރެވެ. އެއްވެސް މަސްއޫލިއްޔަތެއް އަދި މަސައްކަތެއް ނެތި ސިޔާސީ އެތައް މަޤާމެއް އުފައްދާފައިވެއެވެ. މީގެއިތުރުން، ރައީސް ޔާމީންގެ ސަރުކާރުން ބިނާކުރި ހިޔާ މަޝްރޫޢުގައި ސިވިލް ސަރވިސްގައި ހިމެނޭ، ޓީޗަރުން، ނަރުހުން، ޑޮކްޓަރުން، އަދި ސިވިލް ސަރވިސްގެ ޢާންމު މުވައްޒަފުންނަށް އިތުރު އިނާޔަތެއް ދިނުމުގެ ގޮތުން ކަނޑައެޅި ފުލެޓްތަކުގެ ތެރެއިން ބައެއްވެސް އުނިކޮށް ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙްގެ ސިޔާސީ މަންފާއަށް އެމަނިކުފާނުގެ ގާތް މީހުންނަށް ބަހާލާފައިވެއެވެ. ހަމަމިއާއެކު، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުންވެސް މި ސަރުކާރަށް ފެނުނީ ސިވިލް ސަރވިސް ކޮށާލުން އެކަންޏެވެ.
އިދިކޮޅުގެ ބަޔާނުގައި ސިޔާސީ މަޤާމުތަކަށް ޖާގަ އިތުރުކުރުމުގެ ގޮތުން ތާކުންތާކު ނުޖެހޭ ބަހަނާތަކުގައި މުވައްޒަފުންނަށް އިންޒާރު ދިނުމާއި، ސަސްޕެންޑް ކުރުމާއި، ވަކިކުރުމުގެ އެތައް ޙަރަކާތެއް އެބަ ހިންގާކަމަށާއި،. ސިވިލް ސަރވިސްގައި ހިމެނޭ ގިނަ ޢަދަދެއްގެ މުވައްޒަފުން މިއަދު އޮފީސް މާޙައުލުގައި މަސައްކަތްކުރަމުން ގެންދަނީ ވަޒީފާގެ ބިރުވެރިކަމާއި ސަރުކާރުގެ ވެރިންގެ ޖިންސީ ފުރައްސާރައިގެ ބިރުވެރިކަމުގައި ތިބެކަން ފާހަގަކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ.
ވެރިކަމަށް ވަޑައިގަތުމަށް މިއަދުގެ ރައީސް ވަޢުދުވެވަޑައިގެންނެވި "އެންމެ ކުޑަ އުޖޫރަ" ވެފައިވަނީ ސިވިލް ސަރވިސް އާއި އެހެނިހެން ދާއިރާތަކުގެ މުވައްޒަފުންގެ އެއިރަކު ފާޅުކުރާ ކަންބޮޑުވުންތައް މައިތިރިކުރުމަށް ސަރުކާރުން ތަޅާ ބޯޅައަކަށްކަމަށާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ވަޒީފާއާއިބެހޭ ޤާނޫނާއި ޚިލާފަށް ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ޙައްޤުތަކަށް އަރައިގަތުން އިންތިހާއަށް އިތުރުވެއްޖެކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ސިވިލް ސަރވިސް މުވައްޒަފުންނާމެދު ސަރުކާރުން ހިންގަމުން މިގެންދާ ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށާއި އެ މުވައްޒަފުންގެ ޙައްޤުތައް ވަގުތުން އިޢާދަ ކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި މި ކޯލިޝަންގެ ފަރާތުން ސިވިލް ސަރިސް މުވައްޒަފުންނާއެކު ތިބިކަން ޔަޤީންކޮށްދޭކަމަށްވެސް ބުނެފައިވެއެވެ.
ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރައާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އިއްޔެ އާއި މިއަދު ސިވިލް ސާރވިސް މުވައްޒަފުން ގެންދަނީ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލާ އިހްތިޖާޖުކުރަމުންނެވެ. އެގޮތުން އިއްޔެ ސިވިލް ސާރވިސް މުވައްޒަފުން މަސައްކަތަށް ނިކުތީ ކަޅު ހެދުމުގައެވެ. އަދި މިއަދު ވަނީ މަސައްކަތް ނުކުރާ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.