އެމްޑީޕީގެ ރައީސް މުހައްމަދަށް އެއް ދުވަސްވަރެއްގައި ތާއީދު އޮތްނަމަވެސް މިހާރު ރައީސް ނަޝީދަކީ ދިވެހި ރައްޔިތުންގެ ތާއީދު އޮތް ބޭފުޅެއް ނޫންކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިސް މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސިޔާސީ ނުފޫޒާއި، ބާރުވެރިކަން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކިބައިން އަތުލުމަށް ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް އެކަން ކާމިޔާބެއް ނުވާނެކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ޒައިދު ވިދާޅުވީ ރައީސް ނަޝީދަކީ އިރެއްގައި ތާއީދު އޮތް ބޭފުޅެއް ނަމަވެސް މިއަދު އެތާއީދެއް ނެތްކަމަށެވެ.
ރައީސް ނަޝީދުގެ ތާއީދު ގެއްލިފައިވަނީ އެމަނިކުފާނުގެ އަމިއްލައަށް ކުރެއްވި ކަންތައްތަކުން ކަމަށެވެ. ޚައްސަކޮށް އިސްލާމްދީނާއި ޚިލާފަށް ދައްކަވަމުން ވާތަކަކީ ރައްޔިތުންގެ ތާއީދު ނަޝީދަށް ގެއްލުނު އެންމެ ބޮޑު ސަބަބުކަމަށެވެ. މީގެ އިތުރުން އަބަދުވެސް ވެރިކަން ހޯއްދެވުމަށް ހުންނަ ޝައުގުވެރިކަމަކީ ރައްޔިތުންގެ ތާއީދު ނަޝީދަށް ގެއްލުނު އެއް ސަބަބުކަމަށެވެ.
ބައްލަވާ! އިރެއްގައި ވަކިވަކި ބޭފުޅަކަށް ތާއީދެއް އޮތަކަސް އެތާއީދުވަނީ އެބޭފުޅާ އަމިއްލައަށް ދައްކަވާ، ދީނާއި ޚިލާފް ވާހަތަކާއިހެދި ރައްޔިތުންގެ ކުރިމަތީގައި، ވަރަށް ބޮޑަށް ފަނޑުވެފަ! އަދި ވެރިކަން ހޯދެއްވުމަށް ހުންނަވާ ޝައުގެއްގެ ސަބަބުން ކުރައްވާ ކަންކަމުންވެސް ތާއީދު ގެއްލިއްޖެ!
– އަލީ ޒައިދު ވިދާޅުވިއެވެ.
އަވަސްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ ރައީސް ޞާލިހަކީ ރަައްޔިތުންނާއި ގާތް ބޭފުޅެއްނޫން ކަމަށާއި އެހެން ނަމަވެސް ޕާލިމަންޓްގައި އެހާ ޒަމާންވީމަ ކޮންމެވެސް ވަރަކަށް އޭގެތެރޭގައި އެތިބި މެންބަރުންނާއި ހުރިހާ ބޭފުޅުން ދެނެލައްވަނީކަމަށެވެ. ނަމަވެސް ރައީސް ޞާލިހަކީ ރައްޔިތުންގެ ތާއީދާއި ލޯބި އޮތް ބޭފުޅެއް ނޫންކަމަށް ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ވެސް ނަޝީދުގެ ނުފޫޒު އެމްޑީޕީގައި ކުޑަ ނުވާނެ ކަމަށާއި އެ އުންމީދުގައި ތިއްބެވި ބޭފުޅުން އިތުުރު 20 އަހަރު ތިއްބަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ސިޔާސީ ނުފޫޒަކީ ރައްޔިތުންގެ އިތުބާރުގެ މައްޗައް ބިނާވެފައި އޮންނަކަމެއްކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދުއާއި ރައްޔިތުންނާއި އޮތީ ހިތާހިތުގެ ގުޅުމެއްކަމަށެވެ. އަދި އެ އިތުބާރު އޮތް އެއްވެސް ލީޑަރެއް މި ރާއްޖެއިން އަދި ނުދެކޭ ކަމަށް ބޮންޑެ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ