ސާފް ޗެންޕިއަންޝިޕް ކެމްޕެއިން ރައީސް އިފްތިތާޙް ކޮށްދެއްވައިފި

ސާފް ޗެންޕިއަންޝިޕް ކެމްޕެއިން ރައީސް އިފްތިތާޙް ކޮށްދެއްވައިފި

ގުޅުންހުރި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ފައްޓަވާ "ސާފް ޗެންޕިއަންޝިޕް ކެމްޕެއިން" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިކެންޕެއިން އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެއްވަނަ މަގާމަށް ލިބޭ ޓްރޮފީގެ ނަކަލު ޓްރޮފީއެއްގައި ރަމްޒީގޮތުން އަތް ޖައްސަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ އިފްތިތާޙް ކޮށްދެއްވި މި ކެންޕެއިންގެ ދަށުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި މީހުން ދިރިއުޅޭ އެކި ރަށްރަށުގައި ސާފް ޗެންޕިއަންޝިޕް 2021 މުބާރާތާއި ގުޅިގެން މާކެޓިން އަދި ޕީއާރގެ އެކި ކަންކަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މިރަސްމިއްޔާތުގައި ވަނީ މިކަމާއިބެހޭ ކުރު ވީޑިއޯއެއް ތައާރަފްކޮށް، ސާފް ޗެންޕިއަންޝިޕްގެ ކެންޕެއިންގެ ވީޑިއޯ ޕްރެސެންޓޭޝަނެއް ދައްކާފައެވެ. މީގެ އިތުރުން، ސާފް ޗެންޕިއަންޝިޕްގެ ހަނދާނުގައި "އަހަރެމެންގެ ފަހަރު" ނަމުގައި ފޮތެއްވެސް ތައާރަފްކޮށްފައިވެއެވެ. ފޮތް ތައާރަފްކޮށް މުބާރާތުގެ ޕާޓްނަރުންނާއި ސްޕޮންސަރުންނަށް ހަނދާނީލިޔުން ހަވާލުކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މިއަހަރު ސާފް ޗެންޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރ 1އިން ފެށިގެން އެމަހުގެ 16ގެ ނިޔަލަށެވެ. މިއީ، އެހެން ގައުމަކާއި ބައިވެރިނުވެ، ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

ސާފް ޗެންޕިއަންޝިޕްއަށް އަމާޒްކޮށްގެންވަނީ ހާއްސަ މެސްކޮޓެއްވެސް ތަޢާރަފްކޮށްފައެވެ. "ސެނެޕަރ"ގެ ނަން ދީފައިވާ މިމެސްކޮޓްވެސް ފަރުމާކޮށްފައިވަނީ ދިވެހި ދިދައިގެ ކުލަތަކާއި ފޭލި ބޭނުންކޮށްގެނެވެ.

މުޅި ގައުމް ހިމެނޭގޮތަށް އެފްއޭއެމްއިން ސާފް ޗެންޕިއަންޝިޕްގެ ކެންޕޭން ލޯންޗްކޮށްފައިވާއިރު، މިކެންޕޭންގައި ބޭނުންކުރާ ސްލޯގަންތަކާއި، ބެނާތަކާއި، މެސްކޮޓް، އަދި ސޯޝަލް މީޑިޔާއަށް ހާއްސަކޮށްގެން ބޭނުންކުރާ ފޮޓޯތަކާއި ކްލިޕްތައްވެސް ބޭނުންވާ ފަރާތްތަކަށް ލިބެން ހުންނާނެކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ. އަދި މިރޭ މާލޭގައި މިކެމްޕޭން ލޯންޗް ކުރިނަމަވެސް އަތޮޅު ތެރޭގައިގެ ބައެއް ރަށްރަށުގައިވެސް މިކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ