އެތައް އަހަރެއް ވަންދެން، ފޮރުވިގެން ތާލިބާން ޖަމާއަތުގެ ތަރުޖަމާނެއްގެ ގޮތުގައި ދިރި އުޅުއްވީ ވެރިރަށް ކާބުލްގައި، ވާދަވެރިންގެ ތެރޭގައި ކަމަށް، އަފްއާނިސްތާން އެޖަމާއަތުގެ ބާރުގެ ދަށަށް އައުމަށްފަހު ފުރަތަމަފަހަރަށް ތަރުޖަމާނެއްގެ ގޮތުގައި މީޑީއާ ކުރިމައްޗަށް ނުކުތް، ޒަބީއުﷲ މުޖާހިދު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އޭރު، އަފްއަނިސްތާނުގައި އޮތް ސަރުކާރުންނާ އެމެރިކާ ސިފައިންވެސް އޭނާ ދެކެމުން އައީ، "ރޫހާނީ މީހެއްގެ" (ނުފެންނަ ޖިންނި ޝައިތާނެއް)ގެ ގޮތުގައި ކަމަށެވެ.
އެތައް އަހަރެއް ވަންދެން ފޮރުވިގެން، ތާލިބާން ޖަމާއަތުގެ ތަރުޖަމާނެއްގެ ގޮތުގައި ހުންނެވި މުޖާހިދު ވިދާޅުވި ގޮތުގައި އޭނާވެސް ތައުލީމު ހާސިލްކުރީ، ޕާކިސްތާނުގެ ހުޅަގު އުތުރުގައި އޮންނަ ނޮވްޝެރާގައި ހުންނަ ހައްޤާނިއާ ތައުލީމީ މަރުކަޒުން ކަމުގައެވެ. މި ތައުލީ މަރުކަޒަކީ، ވަނަމެއްގެ ގޮތުގައި "ތާލިބާން ޔުނިވަރސިޓީ"، ނުވަތަ އިގިރޭސި ބަހުންނަނަމަ، "ޔުނިވަރސިޓީ އޮފް ޖިހާދު"ގެ ނަމުން މުޚާތަބް ކުރެވޭ، ދީނީ ތައުލީމު ދޭ މަރުކަޒެކެވެ.
"އެމީހުން (އެމެރިކާ އަދި އަފްއާނިސްތާން ސިފައިން) ހީ ކޮށްގެން ތިބީ އަހަރެންނަކީ ހުރި މީހެއް ނޫން ކަމުގަ،" ދަ އެކްސްޕްރެސް ޓްރައިބިއުން ނޫހަށް ދިން އިންޓަރވިއުއެއްގައި މުޖާހިދު ވިދާޅުވެފައި ވެއެވެ.
"އަހަރެން ހައްޔަރު ކުރުމަށް އެމީހުން ކުރި އެތައް މަސައްކަތަކުން އަހަރެން ސަލާމަތްވިން، އަދި އެމީހުން ހަގީގަތުގައިވެސް ހީކޮށްގެން ތިބީ "ޒަބީއުﷲ" އަކީ އަސްލު ނޫން މީހެއްގެ ނަމެއް ކަމުގައި، އަދި އެއީ ހަގީގަތުގައި ނެތް މީހެއް ކަމުގައި،" އުމުރުން 43 އަހަރުގެ، ތާލިބާން ސަރުކާރުގެ މިހާރުގެ ތަރުޖަމާން ވިދާޅުވެފައި ވެއެވެ.
"އެހެންނަމަވެސް އަހަރެން އައީި ހަމަ މިނިވަންކަމާއެކު އަފްއާނިސްތާނުގައި ދިރިއުޅެމުން. އަހަރެންނަށް ގަބޫލު ކުރެވޭ ގޮތުގައި، އަފްއާނިސްތާނުގައި މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު އަހަރެންނަށް ލިބިގެން ދިޔައީ، އެމީހުންނަށް އެހެން ހީވެފަ އޮތުމުގެ ސަބަބުން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
"އަހަރެން އެތައް އަހަރެއް ވަންދެން ދިރިއުޅެމުން ދިޔައީ ކާބުލްގައި، ވާދަވެރިންގެ މެދުގައި. އަހަރެން ދިޔައީ އަފްއާނިސްތާނުގެ ހުރަށާއި ދިގަށް ދަތުރު ކުރަމުން. އަދި އަހަރެން ދިޔައީ ފޮރޮންޓް ލައިނުގެ މައުލޫމާތުތައްވެސް ބަރާބަރަށް ހޯދަމުން. އެއީ ވާދަވެރިންނަށް ހާސްކަން ގެނުވި ކަމެއް."
އެތައް އަހަރެން ވަންދެން ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ފޮރުވިގެ އުޅުމުގެ ސަބަބުން، އެޖަމާއަތުގެ ޖަމާއަތުގެ ނުފެންނަ ތަރުޖަމާނަކީ އެކަކަށްވުރެ ގިނަ މީހުންގެ ގޮތުގައިވެސް ގިނަ ފަރާތްތަކަށް ގަބޫލުރެވިގެން ދިޔައެވެ.
"އެމެރިކާ ސިފައިން ބައެއް ފަހަރަށް، އާންމުންނަށް ފައިސާ ދީގެންވެސް އަހަރެން އުޅޭ ތަނެއްގެ މައުލުމާތު ހޯދުމަށް މަސައްކަތް ކޮށްފައި އެބަހުރި. އަހަރެންނަ ގަބޫލު ކުރެވޭގޮތުގައި، މިގޮތުން ލިބުނު ބައެއް އިންޓެލިޖެންސް މައުލުމާތުތަކު މައްޗަށް ބިނާކޮށް، އެމީހުން އަހަރެން އުޅޭ ތަނެއް ހޯދުމަށް އެތައް އޮޕަރޭޝަނެއް ހިންގާފައިވޭ،" އޭނާ ވިދާޅުވެފައި ވެއެވެ.
"އެހެންނަމަވެސް، އަހަރެން އަފްއާނިސްތާން ދޫކޮށް ދިއުމަށް އެއްވެސް އިރަކު މަސައްކަތެއް ނުކުރަން، އަފްއާނިސްތާން ދޫކޮށް ދިއުމާމެދު ނުވެސް ވިސްނަން."
ތާލިބާން ސަރުކާރުގެ އިންޓީރިއަ މިނިސްޓަރ ސިރާޖުއްދީން ހައްޤާނީ އާއި، ފެނާއި ހަކަތައާއިބެހޭ މިނިސްޓަރ މުއްލާ އަބުދުއްލަތީފް މަންސޫރުއާއި، ޓެލެކޮމިއުނިކޭޝަން މިނިސްޓަރ ނަޖީބުﷲ ހައްޤާނީއާއި (މި ހުރިހާ އެންމެނަކީވެސް ޔޫއެންއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތައް) އަދި އެޑިކޭޝަން މިނިސްޓަރ މައުލާނާ އަބުދުލް ބަޤި ހައްޤާނީ އާއި، މިހުރިހާ ފަރާތްތަކަކީވެސް ހައްޤާނިއާ ތައުލީމީ މަރުކަޒުން ތައުލީމު ހާސިލް ކޮށްފައިވާ ފަރާތްތަކެވެ. ދީނީ ތައުލީމުދޭ މިމަރުކަޒަކީ، ޕާކިސްތާނުގެ ހުރިހާ ސަރުކާރަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުން އައި މަރުކަޒެކެވެ.
މުޖާހިދު ވިދާޅުވީ، އޭނާ ތާލިބާން ޖަމާއަތުގެ ތަރުޖަމާނަކަށް ވަޑައިގެންނެވީ، އޭނާގެ ކުރިން އެމަގާމްގައި ހުރި މީހާ ހައްޔަރު ކުރުމާއި ގުޅިގެންނެނެވެ. އަދި އޭނާ ވިދާޅުވީ އޭނާއަށް ތާލިބާން ޖަމާއަތުގެ ބާނީ މުއްލާ އުމަރު ފެނިފައި ނުވާ ކަމަށެވެ.
"އެހެންނަމަވެސް، އަހަރެން ޝެއިޚް މުއްލާ މަންސޫރު އާއި، ޝެއިޚް ހެބަތުﷲއާއި އެކު މަސައްކަތް ކުރިން،" މުއްލާ އުމަރަށްފަހު ތާލިބާން ޖަމާއަތުގެ ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރި ފަރާތްތަކަށް އިޝާރާތްކޮށް އޭނާ ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ