އަފްއާނިސްތާނުގައި، އަންހެން ފިރިހެން ވަކިން ތައުލީމު ދޭ ޔުނިވަރސިޓީތަކަށް އަންހެން ކުދިންނަށް ކިޔަވަން ދެވޭނެ ކަމުގައި ތާލިބާން ސަރުކާރުން ބުނެފިއެވެ.
އަދި މިގޮތަށް ތައުލީމު ދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައި ހުންނަ ޔުނިވަރސިޓީތަކަށް، މަތީ ތަޢުލީމު ހާސިލްކުރުމަށްވެސް އަންހެން ކުދިންނަށް ކިޔަންވަން ދެވޭނެ ކަމަށާއި އެހެންނަމަވެސް، އަންހެން ކުދިން ތިބެންޖެހޭނީ ބުރުގާ އަޅައިގެން ކަމުގަވެސް ތާލިބާން ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ އަބުދުލް ބާޤީ ހައްޤާނީ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވެއެވެ.
ތާލިބާން ޖަމާއަތުން އަލަށް އެކުލަވާލި ސަރުކާރުގެ ތައުލީމާބެހޭ ވަޒީރު އަބުދުލް ބާޤީ ހައްޤާނީ، އެ ސަރުކާރުގައި ގެންގުޅޭނެ ތައުލީމާ ބެހޭ ސިޔާސތު ހާމަ ކޮށްފައި މިވަނީ، ރިޔާސީ ގަނޑުވަރުގައި ތާލިބާން ޖަމާއަތުގެ ދިދަ ނެގިތާ އެއް ދުވަސް ފަނުންނެވެ. ރިޔާސީ ގަނޑުވަރުގައި ތާލިބާން ޖަމާއަތުގެ ދިދަ ނެގުމުން ރަމްޒު ކޮށްދެނީ، ހުސް ފިރިހިނުންގެ މައްޗަށް އެކުލެވިގެންވާ ތާލިބާން ސަރުކާރު މިހާރު އާންމު އުސޫލުން ހިގަން ފަށާފައިވާކަން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގެ ވެރިކަމަށް އައުމާއެކު، މީގެ 20 އަހަރު ކުރިން އެ ޖަމާއަތުން އަފްއާނިސްތާނުގައި ކުރި ބާވަތުގެ، ވަރަށް ހަރުކަށި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ވެރިކަމެއް އަނެއްކާވެސް އަފްއާނިސްތާނަށް ރުޖޫއަ ވެދާނެކަމަށް ގިނަބަޔަކު އަންނަނީ ދެކެމުންނެވެ. މީގެ 20 އަހަރުކުރިން ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގައި ވެރިކަން ކުރިއިރު، އެގައުމުގައި އަންހެންކުދިން ތައުލީމު ހާސިލްކުރުން އެޖަމާއަތުން އޭރު އޮތީ މަނާ ކޮށްފައެވެ.
"މިއަދުގެ މާހައުލާ އެއްގޮތަށް އަހަރެމެންދާނީ ކަންކަން ހަމަޖައްސަމުން،" ތާލިބާން ޖަމާއަތުގެ މިހާރުގެ ސިޔާސަތުތައް މީގެ 20 އަހަރު ކުރިޔަށް އަޅާބަލާއިރު ވަަރަށް ބޮޑަށް ތަފާތުކަން ހާމަ ކޮށްދެެއްވަމުން ހައްޤާނީ ވިދާޅުވެފައި ވެއެވެ.
ތާލިބާން ސަރުކާރު އެޑިއުކޭޝަން މިނިސްޓަރ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ، އެމެރިކާ ސިފައިން އަފްއާނިސްތާން ދޫކޮށް ދިއުމަށްފަހު، ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގައި ސަރުކާރެއް އެކުލަވާާލާ، އަދި އެ ސަރުކާރަށް ބައިނަލް އަގުވާމީ ރުހުން ހޯދުމަށް މަސައްކަތްވެސް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަފްއާނިސްތާން ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް އައިސްފައިވަނީ އޮގަސްޓުމަހުގެ 15 ވަނަ ދުވަހުއެވެ.
ތާލިބާން ސަރުކާރުން، އަންހެނުންނާމެދު އާދައިގެ ސިޔާސަތެއް ގެންގުޅޭނެ ކަމަށް ބުނަމުން އައިނަމަވެސް، އެގައުމުގައި އަންހެނުންވަނީ، އެއްވެސް ކުޅިވަރެއްގައި ބައިވެރިވުން މަނާކޮށްފައެވެ. އަދި ދާދިފަހުން ހައްގުތަށް ހޯދުމަށް ވެރިރަށް ކާބުލްގައި ކުރިޔަށް ގެންދިޔަ މުޒާހިރާތަކުގައި، ތާލިބާން ހަގުރާމަވެރިންވަނީ، މުޒާހިރާކުރި އަންހެންނުން އަނިޔާ ކޮށްފައެވެ.
ހައްޤާނީ ވިދާޅުވި ގޮތުގައި، އަންހެން ކުދިން ކިޔަވާ ޔުނިވަރސިޓީތަކުގައި އަންހެން ކުދިން ހެދުން އެޅުމަށް ވަކި އުސޫލުތަކެއް ހަމަޖެއްސިގެން ދާނެކަމުގައެވެ. އަދި ބުރުގާ އެޅުން މަޖުބޫރު ކުރެވޭނެ ކަމަށް ވިދާޅުވިއިރު، އެއީ މޫނު ބުރުގާ ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަންހެން ކުދިންނަށް ކިޔަވައި ދިނުމަށް ޚާއްސަ ކުރެވިގެން ދާނީ އަންހެން ޓީޗަރުންކަމަށާއި، އަދި އަފްއާނިސްތާނުގައި އެކަށީގެންވާ ވަރަށް އަންހެން ޓީޗަރުން ތިބިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އަފްއާނިސްތާނުގެ ތަޢުލީމީ ނިޒާމުގައި ކިޔަވާދޭ މާއްދާތައް މިހާރުދަނީ މުތާލިއާ ކުރެވެމުންނެވެ.
One Response
ދުވަސްކޮޅަކުން އެމެރިކާއިން ފިލްމުތަކެއް ނުކުޅޭނެބާ؟ މީގެކުރިންވެސް ތާލިބާނުން ގޮތައް ހެދުންއަޅައިގެން ބަޔަކައް އެއީ އެމީހުންކަން އިހްސާސްވެސް ނުވާެހާ މޮޅައް ފިލްމު ކުޅެ އެމީހުންގެ އަގުވައްޓާލުމަށް ކުރިމަސައްކަތްވަނީ ބިއެއް މުސްލިމުންނަށް ފަޅާއަރާފައި. ގަބޫލް ކުރެވޭގޮތުގައި އަދި ފިލްމުތައް ކުޅެނިމުމުން އާކުޅިބައެއް ކުޅޭނެ އޭރޫރުން ބުނާނެ މިސަބަބާހުރެކަން އަހަރެމެން އެތަނަށް އަރައިގަންނަން މަޖުބޫރުވީ.