ފާއިތުވި އޮގަސްޓުމަހުގެ 15ވަނަ ދުވަހު މުޅި އަފްއާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށްފަހު، އޭގެ 3 ހަފްތާފަހުން ތާލިބާން ޖަމާއަތުންވަނީ، އެ ޖަމާއަތުން އެކުލަވާލި އިސްލާމިކް އެމިރޭޓްގެ އިންތިގާލީ ސަރުކާރުން އިއުލާން ކޮށްފައެވެ.
މިކެބުނެޓްގައި ހިމެނެނީ، މުޅިންވެސް ފާއިތުވި 20 އަހަރު ތެރޭ ތާލިބާން ލީޑަރޝިޕްގައި ހަރަކާތްތެރިވެފައިވާ، އެޖަމާއަތުގެ އިސްފަރާތްތައް ކަމުގައި ވިނަމަވެސް، އަފްއާނިސްތާނު އަޖަމާއަތުގެ ބާރުގެ ދަށަށް އައުމާއެކު ތާލިބާން ޖަމާއަތުން ބުނެފައިވަނީ، އެގައުމުގައި ގާއިމް ކުރާނީ، ހުރިހާ ނަސްލެއްގެ ބައިވެރިވުންވެސް ހިމެނޭ ސަރުކާރެއް ކަމުގައެވެ.
އަދި ހަމަ އެއާއެކު، އަންހެނުންނަށް ފުރިހަމަޔަށް ހުރިހާ ހައްގުތަކެއް ލިބިދީގެން އެގައުމުގައި ވެރިކަން ކުރަން ބޭނުންވާ ކަމުގައިވެސް ތާލިބާން ޖަމާއަތުން ބުނެފައިވެއެވެ.
އެހެންނަމަވެސް، މީގެ ދެދުވަސްކުރިން އަފްއާނިސްތާނުގައި އޮންނާނޭ އިންތިގާލީ ސަރުކާރުން ތާލިބާން ޖަމާއަތުން އިއުލާން ކުރުމާއެކު ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދިޔައީ، ތާލިބާން ޖަމާއަތުން އިއުލާންކުރި ސަރުކާރުގައި، އެގައުމުގެ އެހެން ނަސްލުތަކާއި ދަރިކޮޅުތަކުގެ ބައިވެރިވުން ނެތްއިރު، އިންތިގާލީ ސަރުކާތުގެ އެއްވެސް މަގާމެއް އެއްވެސް އަންހެން ބޭފުޅަކަށްވެސް ލިބިގެން ގޮސްފައި ނުވާތީއެވެ.
އެހެންކަމުން، އަންހެނުންގެ ހައްގުތަކަށް އިހުތިރާމް ކުރާނޭކަމަށް ތާލިބާން ޖަމާއަތުން ބުނަމުން އައިނަމަވެސް، މިހާރު ގިނަ ބަޔަކު ގަބޫލުކުރަނީ، ތާލިބާން ޖަމާއަތުގެ އަސްލުވެރިކަން ފެށިގެން ދިއުމުން، ކުރިއެކޭ އެއްގޮތަށް، އަފްއާނިތާނުގެ އާންމުންގެ ތެރެއިން އަންހެނުން އެކީ ގެއްލިގެން ދާނެ ކަމުގައެވެ.
ތާލިބާން ޖަމާއަތުން އަފްއާނިސްތަން އެޖަމާއަތުގެ ބާރުގެ ދަށަށް ގެނައުމުގެ ކުރިން އޮތް ސަރުކާރުގެ ކެބިނެޓްގައި %6.5 އަންހެނުން ތިއްބެވެ.
އެހެންނަމަވެސް، ކުރިން އެގައުމުގައި އޮތް ހުޅަގުން ތާއީދުކުރާ ވެރިކަން ވެއްޓި، ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް އެގައުމު އައުމާއެކު، އަފްއާނިސްތާން ހިމެނިގެން ދަނީ، ދައުލަތުގެ މަތީ މަގާމްތަކުގައި އެއްވެސް ވަރަކަށް އަންހެން ބޭފުޅުން ނެތް މަދު ގައުމުތަކުގެ ތެރޭގައެވެ.
މިގޮތުން، އައިޕީޔޫއިން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ގައުމުތަކުގެ ތެރޭގައި ހިމެނެނީ، އާޒަރުބައިޖާން، އަރުމީނިއާ، ބްރޫނާއި، ނޯތް ކޮރެއާ، ޕަޕުއާ ނިއުގިނީ، ސެއިންޓް ވިންސެންޓް އެންޑް ގްރެނެޑައިންސް، ސައުދީ އަރަބިއާ، ތައިލޭންޑް، ޓުވާލު، ވަނުއަޓު، ވިއެޓްނާމް އަދި ޔަމަންއެވެ.