ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލިސްގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ނުހަނު އުފާކުރާ ކަމެއްކަމަށާއި، އިންތިޚާބު ބޮޑުތަފާތަކުން ކާމިޔާބު ކުރެވޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިމަހު 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި، ޔޫތު މިނިސްޓަރ އަހުމަދު މަހުލުފަށް ވާދަ ކުރެވޭނަކަމަށް، އެމްޑީޕީގެ އިސްތިއުނާފް ކޮމިޓީން ވަނީ ނިންމާފައެވެ. އެމްޑީޕީގެ ގައުމީ މަޖިލިސް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި މަހުލޫފް ކުރިމަތި ލައްވާފައިވަނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.
މަހުލޫފަށް ވާދަކުރެވޭނެ ގޮތްވުމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މީޙަކުވެސް އެމީހެއްގެ ހައްގު ހޯދުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ހައްގު ލިބުމުން އެކަމާއި ބަޔަކު ކިތަންމެ މަލާމާތް ކުރި ކަމުގައިވީނަމެސް ކާމިޔާބާއި ހަމަޔަށް ދިއުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.
އިންތިޚާބުގައި ވާދަކުރެވޭގޮތަށް ނިންމީތީ އުފާކުރަން. ކޮންމެ ރައްޔިތަކުވެސް މީހަކު ކުރާ މަލާމާތަކަށް ނުބަލާ އެމީހެއްގެ ހައްޤު ހޯދަން މަސައްކަތް ކުރަންވާނެ. މެދު އުތުރު ޕްރޮވިންސް އިން ތަފާތު ބޮޑު ނަތީޖާއަކުން އިންތިޚާބު ކޮށްދެއްވާނެކަމަށް އުންމީދުކުރަން.
– މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފްއަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެބޮޑަށް މަސައްކަތް ކުރެއްވި އެމްޑީޕީގެ އެއް މެމްބަރެވެ. ޖަލުގައި އެތައް މަހަކު ދުވަސްތައް ހޭދަކުރެއްވުމަށްފަހު މަހުލޫފް ޖަލުން ދޫކޮށްލުމުން ދެއްވި ހިތްވަރުގަދަ މެސެޖްތަކަކީ އޭރުގެ ސަރުކާރާއި ދެކޮޅަށް ގިނަބަޔަކަށް ނިކުތުމަށް ލިބުނު ހިތްވަރަކަށް ވަނީ ވެގެން ގޮސްފައެވެ.
އެމްޑީޕީން އެޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަ ނުކުރެވޭނެކަމަށް ނިންމުމާ ގުޅިގެން އޭނާވަނީ މައްސަލަ ބަލާދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. މަހުލޫފް ހުށަހެޅި މައްސަލަ ބެލުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، އެމްޑީޕީގެ ގައުމީ މަޖުލިސް އިންތިޚާބުގައި މަހުލޫފަށް ވާދަ ނުކުރެވޭ ގޮތަށް އެޕާޓީން ނިންމާފައިވަނީ ގޯސްކޮށްކަމަށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ވަނީ އަންގާފައެވެ.
އެމްޑީޕީންވަނީ އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި، އެސެޓް ރިކަވަރީ ކޮމިޝަނާއި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ބަލާ މައްސަލައެއްގައި ތުހުމަތު ކުރެވޭ އެއްވެސް ބޭފުޅަކަށް ވާދަ ނުކުރެވޭނެކަމަށް ބުނެފައެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ފަރާތްތަކަށްވެސް ވާދަ ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް މަޚްލޫފަކީ މިފަދަ އެއްވެސް މައްސަލައެއްގައި އަދި ދައުވާ ކުރެވިފައިވާ ބޭފުޅެއްނޫނެވެ.
ކޮމެންޓު ފޮނުވާ