އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރު ކުރައްވައިފިއެވެ.
ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރެއްވި އަޙްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން ވަނީ 6 ދައުވާއެއް އުފުލާފައެވެ. ނިހާންގެ މައްޗަށް އުފުލާފައިވާނީ ރިޝްވަތު ހިފުމުގެ ކުށުގެ 3 ދައުވާއަކާއި ރިޝްވަތު ލިބި ގަތުމަށް އެެދުމުގެ ކުށުގެ 2 ދައުވާއަކާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާއެކެވެ.
ނިހާނަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގައެވެ. ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ދައުލަތަށް ނެގުމަށް ޝަރީއަތުގައި އެދިފަ އެވެ. އޭގެ ތެރޭގައި ނިހާންގެ ޕްލެޓިނަމް ރެސިޑެންޓާއި ފްލެޓާއި ރޮލެކްސް (ސަބްރީނާ) ބްރޭންޑްގެ ގަޑިއެއް ހިމެނެއެވެ.
ސަތާރަވަނަ ރައްޔިތުންގެ މަޖިލީހާއި އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ތަމްސީލް ކުރެއްވި މެންބަރުގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު އަދީބު މެދުވެރިވެގެން އެސްއޯއެފުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިފައިވާތީއެވެ. މި ކުށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލުހުކުމެއް އަންނާނެ ކަމަށް ދައުލަތުން ވިދާޅުވެއެވެ. އަދި މަނީ ލޯންޑާ ކުރި ކަމަށް ބުނާ މި ކުށް ނިހާންގެ މައްޗަށް ސާބިތުވެއްޖެ ނަމަ 5-15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަދި މި ރޯލެކްސް ގަޑި ނިހާން ލިބިގަންފައިވާތީ، ރިޝްވަތުގައި ހިފުމުގެ ދައުވާ ސާބިތުވެއްޖެނަމަ ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މީގެ އިތުރުން ރޮލެކްސް ގަޑީގެ ރިޝްވަތރުގެ ކުށާއި، އިތުރު ރިޝްވަތުގެ ކުށް ސާބިތު ވެއްޖެނަމަ 14 އަހަރުގެ ހުކުމެއް އަންނާނެއެވެ.
އެމްއެމްޕީއާރްސީ މައްސަލައިގައި ނިހާންގެ މައްޗަށް ދައުވާކުރާ މައްސަލަތކުގެ އަޑުއެހުންތައް މިއަދު ފަށާއިރު އޭނާ ރާއްޖެއިން ބޭރަށް ދިއުން މަނާކޮށް ޕާސްޕޯޓްވަނީ ހިފަހައްޓާފައެވެ. މި މައްސަލައިގައި ދެން އޮންނާނީ ދެފަރާތުން މައްސަލަ ސާބިތުކުރުމަށް ހެކި ހުށަހެޅުމުގެ މަރުލާއެވެ.
ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބާ ވަރަށް އަރިސްކޮށް އުޅުއްވި ނިހާނަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއި ހަމައަށްވެސް ޕީޕީއެމްގެ މެމްބަރެކެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ޙައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުވެސް މެއެވެ. އެހެންނަމަވެސް ވެރިކަން ބަދަލުވުމާއެކު އޭނާވަނީ މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ