އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގެންފިއެވެ.
ޕޮމްޕެއޯގެ ތާރީޚީ މިދަތުރފުޅުގަ ރާއްޖެ އަށް ވަޑައިގެންފައިވަނީ ދާދި ދެންމެއަކުއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ޕޮމްޕެއޯ އަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ނޫސްވެރިންނާއި ބައްދަލުުކުރުމަށް ހަމަޖެހިފައިވަނީ މިއަދު 4 ޖަހާއިރުއެވެ. ޕޮމްޕެއޯއާއި ޝާހިދު ބައިވެރިވެގެން ކުރިއަށްގެންދާ މިޕްރެސްއަށް ފޮރިން މިނިސްޓްރީން ދައުވަތު ދެއްވާފައިވަނީ ކަނޑައެޅިފައިވާ ވަކި މީޑިޔާތަކަށް އެކަންޏެެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެކަމަށެވެ. މި މަޝްވަރާތަކުގައި ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.
ސެކްރެޓަރީ ޕޮމްޕެއޯގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު ވަނީ 2019 ފެބްރުއަރީ 19 ވަނަ ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަންއަށް ވަޑައިގެން ސެކްރެޓަރީ ޕޮމްޕެއޯ އާ ބައްދަލުކުރައްވާފައި.
ކޮމެންޓު ފޮނުވާ