އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، މަޝްވަރާ ކުރަންޖެހޭ އެއްވެސް ސަބަބެއްވެސް އަދި އެފަދަ ޝައުގުވެރިކަމެއްވެސް އިދިކޮޅު ކޯލިޝަންގައި ނެތްކަމަށް އެކޯލިޝަން ހިންގުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއާއެކު ސިޔާސީ މަސައްކަތް ކުރައްވާނެ ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވުމާ ގުޅިގެން ނޫސްވެރިއަކު މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ހޯލް ޕާޓީ އެއްބަސްވުން ގިނަ ކަންކަމުގައި ހުންނަން ޖެހޭ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ހާރިޖީ ސިޔާސަތަށް މިއީ މުހިންމު ކަމެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެކަމާ ގުޅުވައިގެން ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕޯޑިއަމްތަކުގައި އިންޑިއާ އާއި އެހެނިހެން ގައުމުތަކާ ގުޅުވައިގެން ބަދުބަސް ބުނުމަކީ ރަނގަޅު ކަމެއް ނޫން ކަަމަށެވެ.
ނަޝީދުގެ މިވާހަތަކާއި ގުޅިގެން އަދުރޭ ވިދާޅުވީ ނަޝީދާއިއެކު ސިޔާސީ މަޝްވަރާއެއް ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ޕީޕީއެމް ޕީއެންސީގައި ނެތްކަމަށެވެ. އަދި ނަޝީދާއި މަޝްވަރާކޮށްގެން ކުރިއަށްދެނެހޭފަދަ އެއްވެސް ކަމެއް އޮތްކަމަށް ގަބޫލު ނުކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދާއެކު އެއްވެސްކަމެއްގައި މަޝްވަރާ ކުރުމުގެ ޝައުގުވެރިކަމެއް އަދި މަޝްވަރާކުރަންޖެހޭ ސަބަބެއްވެސް ޕީ.ޕީ.އެމްގެ ނެތް.
– އަދުރޭ ވިދާޅުވިއެވެ.
ހަމަލާއަށްފަހު އެމްޑީޕީ ވަޓްސްއަޕް ގްރޫޕެއްގައި ރައީސް ނަޝީދުވަނީ އެމްޑީޕީ އާއި ޕީޕީއެމް ކޯލިޝަނެއް ބޭނުން ވާކަން ތަކުރާރު ކުރައްވަމުން އެންމެ ރަނގަޅު ގޮތަކީ ރައީސް އަބްދުﷲ ޔާމީންގެ އެހީ ހޯދުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއިއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ތަކުރާރުކޮށް ގެންދަވަނީ ޔާމީނާއިއެކު ސިޔާސީ މަސައްކަތް ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ