ތާލިބާނުން އަފްއާނިސްތާނުގައި މިހާރު އެކުލަވާލަމުންދާ ވެރިކަމުގެ އޮނިގަޑަކީ އިރާނުގައި އޮންނަ ބާވަތުގެ ވެރިކަމުގެ އޮނިގަޑެއް ކަމަށާއި، އަދި އިރާނުގައިވެސް ދައުލަތުގެ ބޮޑެތި ބާރުތަކެއް ލިބިދީފައި ރޫހާނީ ލީޑަރަކު ހުންނަވާ ގޮތަށް، ތާލިބާނުންގެ ވެރިކަމުގައި އަފްއާނިސްތާނުގެ ރޫހާނީ ލީޑަރަކަށް ވެވަޑައިގަންނަވާނީ، ތާލިބާން ޖަމާއަތުގެ މިހާރުގެ ލީޑަރ ހައިބަތުﷲ އަޚުންދުޒާދާ ކަމުގައި ސީއެންއެން ނިއުސް18އިން އަންގާރަ ދުވަހު ރިޕޯޓު ކޮށްފިއެވެ.
އިރާނުގައި، ރައްޔިތުން ވޯޓު ދީގެން އިންތިޚާބުކުރާ ރައީސަކު ހުންނަވާފަ އަދި ރައީސްގެ ކެބިނެޓެއްވެސް އޮންނައިރު، ދީނީގޮތުން ޚާއްސަ އިސްކަމެއް ދެވޭ، ރޫޙާނީ ލީޑަރަކު ދައުލަތުގެ އެންމެ އިސްވެރިއާގެ ގޮތުގައި ހުންނަނަވައެވެ. އަދި ރޫޙާނީ ލީޑަރަކީ، އެގައުމުގައި އުމުރުރަށް އައްޔަން ކުރެވޭ ބޭފުޅަކަށް ވާއިރު، ސިޔާސަތު ކަނޑައެޅުމުގެ އެންމެ މަތީ ބާރު ލިބިދިނުމުގެ އިތުރުން، ގާނޫނުތަކުގެ މަތިން އަމުރު މައުރޫފްތައް ނެރުމުގެ އިތުރުން އެގައުމުގެ ރައީސްގެ ނިންމެވުންތަކަށްވެސް ރޫޙާނީ ލީޑަރަށް ބަދަލު ގެނެވެއެވެ.
އަދި ދައުލަތުގެ ފަރާތުން ހުރިހާކަމެއްގައިވެސް އެންމެ ފަހުގެ ބަސް ބުނާ ފަރާތަކީ އިރާނުގައި އެގައުމުގެ ރޫޙާނީ ލީޑަރެވެ.
"11 މީހުންނާއި 72 މީހުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކައުންސިލްގެވެސް ރިޔާސަތު ބަލަހައްޓަވާ، ރޫޙާނީ ލީޑަރަކަށް ތާލިބާންގެ ވެރިކަމުގައި ވެވަޑައިގަންނަވާނޭ ކަމަށް ބެލެވެނީ، މިހާތަނަށް އާންމުންގެ ތެރެއިންވެސް ފެނިފައި ނުވާ، އަދި ވީތަނެއްވެސް އާންމުކޮށްފައި ނުވާ، ތާލިބާން ޖަމާއަތުގެ ރޫޙާނީ ލީޑަރު ހައިބަތުﷲ އަޚުންދުޒާދާ،" ބައެއް ފަރާތަތަކާ ހަވާލާދީ ސީއެންއެން ނިއުސް18އިން ރިޕޯޓު ކޮށްފައި ވެއެވެ.
މި ރިޕޯޓުގައި ވާގޮތުން، 2016 ވަނަ އަހަރުން ފެށިގެން ތާލިބާން ޖަމާއަތުގެ ލީޑަރެއްގެ ގޮތުގައި ހުންނެވި އަޚުންދުޒާދާ މަސައްކަތް ކުރައްވާނީ ކަންދަހާރުގައި ހުންނަވާއިގެންނެވެ.
އަފްއާނިސްތާނުގެ ކަންދަހާރަކީ، ތާލިބާން ޖަމާއަތް އުފެދިގެން އައި ޕްރޮވިންސެވެ. އަދި އެ ޕްރޮވިންސްއަކީ، 1990ގެ ތެރޭގައި އަފްއާނިސްތާނުގައި އޮތް ތާލިބާން ޖަމާއަތުގެ ވެރިކަމުގެ މައި މަރުކަޒުވެސްމެއެވެ.
މި ހަފްތާގެ އާދީއްތަ ދުވަހު ތާލިބާން ޖަމާއަތުން ހާމަ ކޮށްފައިވާ ގޮތުގައި އަޚުންދުޒާދާ މިހާރު ހުންނެވީ ކަންދަހާރުގައެވެ. "އޭނާ މިހާރު ހުންނެވީ ކަންދަހާރުގަ، އަދި ފެށުނީއްސުރެ އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ ކަންދަހާރުގައި،" ތާލިބާން ޖަމާއަތުގެ ތަރުޖަމާން، ޒަބީހުﷲ މުޖާހިދު ވިދާޅުވެފައި ވެއެވެ.
މި ހަފްތާގެ އާދީއްތަ ދުވަހު މުޖާހިދު ރޮއިޓާސްއަށް މައުލުމާތުދެމުން ވިދާޅުވެފައިވަނީ، ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގައި އެޖަމާއަތު އަލަށް އުފައްދާ ކެބިނެޓް އިއުލާން ކުރާނެއެވެ. އަދި އޭނާ ވިދާޅުވެފައިވާ ގޮތުގައި، ކެބިނެޓް އިއުލާން ކުރެވިގެން ދާއިރު، އިއުލާން ކުރެވިގެންދާނީ، ހަމައެކަނި ކެބިނެޓް މިނިސްޓަރުން ނޫން ކަމަށާއި، މުޅި ސަރުކާރު އިއުލާން ކުރާއިރު، ސަރުކާރުގައި ތިއްބަވާ ލީޑަރުންވެސް އިއުލާން ކުރެވިގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ