ކުނި ނެރެންޖެހޭ ގަޑިއަށް ސެޕްޓެމްބަރު 15 އިން ފެށިގެން ބަދަލުތަކެއް

ކުނި ނެރެންޖެހޭ ގަޑިއަށް ސެޕްޓެމްބަރު 15 އިން ފެށިގެން ބަދަލުތަކެއް

Author
މުޙައްމަދު ޖިމީ
31 އޮގަސްޓް 2021 06:44
0

މާލޭ ސަރަޙައްދުގައި ގޭބިސީތަކުން ކުނި ނެރެންޖެހޭ ގަޑއަށް ވެމްކޯއިން ބަދަލުގެނެސްފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނީ މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ބޭރަށް ނެރެންޖެހޭ ގަޑި ރޭގަނޑު 6 އިން 7 އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެކުންފުނިން މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ފެށޭ ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެންނެވެ.

ވެމްކޯއިން ބުނީ،، މާލޭ ސަރަޙައްދުގައި ގޭބިސީތަކުން ކުނި ނެރެންޖެހޭ ގަޑިއަށް ބަދަލުގެންނަން ނިންމާފައިވަނީ މި ސަރަހައްދުގައި ކޯވިޑްގެ ޙާލަތު ރަނގަޅުވަމުންދާތީ، އެކަމަށް ރިޢާޔަތްކުރުމަށްފަހުކަމަށެވެ. ސެޕްޓެމްބަރު 15 އިން ފެށިގެން ގެނެވޭ ބަދަލާއެކުވެސް ވެމްކޯއިން ޚިދުމަތްތައް ފޯރުކޮށްދޭނީ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާއިން ކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި މިގަޑިތަކުގައި އިމާރާތުގެ އެތެރެއިން ފަސޭހައިން ކުނި ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ވެމްކޯއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ވެމްކޯގެ މުވައްޒަފުން ކުނިނެގުމަށް ހަރަކާތްތެރިވަމުންދާނީ ރޭގަނޑު 8 އާއި 11 އާ ދެމެދުކަމަށާއި، އެކުންފުނީގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނުނަގާނެކަމަށްވެސް ބުންޏެވެ. އަދި ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެކުންފުނީގައި ރަޖިސްޓަރ ކުރެވިފައިވާ ގޭބިސީތަކަށް އެކަނިކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން މަގުމަތީ ކުނިބެހެއްޓުން މަނާކުރުމާއި ގުޅިގެން އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިހާލަތުގައިވެސް ރައްކާތެރިގޮތުގައި ކުނި ބަންދުކުރުމަށާއި، އެންގިފައިވާ ވަގުތުގައި ވެމްކޯގެ މުވައްޒަފުންނަށް ކުނި ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެމްކޯއިން ވަނީ އެދިފައެވެ. ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓަރ ނުކުރާ ގޭބިސީތަކުން ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ވެމްކޯއިން އިލްމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.