ދައުރު ދެބައިވިއިރު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ދަނީ ނިމެމުން: މޫކޭ

ދައުރު ދެބައިވިއިރު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ދަނީ ނިމެމުން: މޫކޭ

Author
މުޙައްމަދު ޝަޒައިމް
28 އޮގަސްޓް 2021 10:52
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ދެބައި ވެފައިވާއިރު، ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ނިމެމުންދާކަމުގައި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ކުރިއަށްދާ މަޝްރޫޢުތަކުގެ ބޮޑުބައި ނިމި، ހުޅުވުމާއި ކައިރިވެފައިވާތީ އެކަން ފާހަގަކޮށް ކުރެއްވި ޓްވީޓުގައެވެ. އޭނާ އުފަންރަށް ރ.މަޑުއްވަރީގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލާއި، 8 ކްލާސްރޫމުގެ މަސައްކަތް ނިމި، އިމާރާތުގެ ފޮޓޯއާއިއެކު ކުރެއްވި ޓްވީޓުގައި މޫކޭ ވިދާޅުވީ ދައުރު ދެބައިވާއިރު، ގިނަ މަޝްރޫޢުތައް ނިމިގެންދާކަމީ ރައްޔިތުންނަށް އޮތް އެންމެބޮޑު ހިތްހަމަ ޖެހުންކަމަށެވެ.

ރ.މަޑުއްވަރި މަލްޓި ޕާޕަސް ހޯލް އަދި 8 ކްލާސް ރޫމް އިމާރާތް. ހުރިހާ މަސައްކަތްތައް ނިމި އިންސްޕެކްޝަން ހެދުމުގެ މަރުހަލާގައި. ދައުރު ދެބައިވީ އިރު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ނިމިގެން ދާކަމީ ރައްޔިތުންނަށް ލިބޭ އުފަލެއް.

– މޫކޭ ވިދާޅުވިއެވެ.

ކޯވިޑާއެކުވެސް ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށްދާކަމަށް ސަރުކާރުންވެސް ވަނީ ހާމަ ކުރައްވާފައެވެ. އެގޮތުން މިވަގުތުވެސް 1،500އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒްވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާއާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރުގެ މެދުތެރޭ ނިމި، ރައްޔިތުންނަށް ޚިދުމަތްދޭން ފެށޭވަރުވާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި މިދިޔަ ހަފްތާގައިވަނީ ތިލަމާލެ ބްރިޖްގެ މަޝްރޫޢުގައި ސޮއިކޮށްފައެވެ. މިމަޝްރޫޢުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.