ބަރުލަމާނީ ކަމުނުދަނީ، ކޮރަޕްޝަނާއި ފަސާދަ ވަރަށް ބޮޑަށް އިތުރުވާނެތީ: ޒައިދު

ބަރުލަމާނީ ކަމުނުދަނީ، ކޮރަޕްޝަނާއި ފަސާދަ ވަރަށް ބޮޑަށް އިތުރުވާނެތީ: ޒައިދު

Author
މުޙައްމަދު ޝަޒައިމް
23 އޮގަސްޓް 2021 08:25
0

ރާއްޖެފަދަ ކުޑަ ޤައުމަކަށް ބަރުލަމާނީ ނިޒާމު ކަމުނުދާ އެންމެ ބޮޑު ސަބަބަކީ ކޮރަޕްޝަނާއި، ފަސާދަ އިންތުރުވެ ޤައުމުގެ މަސްލަހު ގެއްލިދާނެތީ ކަމުގައި ދީނީ ޢިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރައްޔިތުންގެ ވޯޓަކުން ނިންމާފައި ވަނިކޮށް، އެނިންމުން ބަދަލުކޮށް ބަރުލަމާނީ ނިޒާމު ގެނައުމަށް އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ކުރައްވަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި، ޒައިދު ވިދާޅުވީ ޤައުމުގެ މަސްލަހަތަށް ނުބަލައި އެއްވެސް ކަމެއްގައި މަަސައްކަތް ކޮށްގެން ނުވާނެކަމަށެވެ.

ތިމާގެ އަމިއްލަ އެދުން ހާސިލް ކުރުމަށް ރައްޔިތުންނާއި، ޤައުމުގެ މަސްލަހަތު އެއްފަރާތްްކޮށް، ވެރިކަމަށް އާދެވޭނެ ކުރު މަގު ހޯދައި އެމަގަށް ވާސިލް ވުމަށް ކުރެވޭ މަސައްކަތަކީ އެއްވެސް ގޮތަކަށް ބަލައި ގަނަވޭނެ ކަމެއްނޫންކަމަށް ޒައިދު ވިދާޅުވިއެވެ. ބަރުލަމާނީ ނިޒާމު އެންމެ ބޮޑަށް ކަމުނުދާ އެއްސަބަބަކީ އެނިޒާމުގެ ސަބަބުން ކޮރަޕްޝަނާއި، ފަސާދައަށް ދޮރުތައް ހުޅުވި އެކަންކަން އާންމު ވެދާނެތީކަމުގައި ޒައިދު ވިދާޅުވިއެވެ.

ބަރުލަމާނީ ކަމުނުދަނީ ގަނެ ވިއްކުމުގެ ބާޒާރު ތިޔާގިވެ ކޮރަޕްޝަނާއި ފަސާދަ ވަރަށް ބޮޑަށް އިތުރުވާނެތީވެ! ވެރިކަން ހޯދުމަށް އޮތް ހަމައެކަނި ގޮތަކީ ނިޒާމު ބަދަލު ކޮށްލުން ކަމަށްވާނަމަ، އޭގައިން ދޭހަވަނީ ޤައުމަށްވުރެއް އަމިއްލަ މަސްލަހަތު އިސްކުރެވޭކަން! އެއީ ފާޅުކަން ބޮޑު ގޯހެއް.

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

ޒައިދު މިހެން ވިދާޅުވެފައިވަނީ ބަރުލަމާނީގައި ވަޒީރުންނަކީ މަޖިލިސް މެމްބަރުން، ކަމަށާއި، އެއާއިއެކު މަޖިލިސް ތެރެއިން ނެގޭ ވޯޓުތަކުގައި ވޯޓު ވިއްކުމުގެ ފުރުސަތު ކުޑަވެގެންދާނެކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. ރައީސް ނަޝީދުގެ އެލެކްސް އެކައުންޓުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ވައްކަން ކުރުމަށް އެންމެ ފުރުސަތު ކުޑަ ނިޒާމުކަމަށެވެ. މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ މެމްބަރުން ވޯޓު ވިއްކުމުގެ ނުރައްކާ ކަމަށާއި، ބަރުލަމާނީ ނިޒާމުގައި މެމްބަރުންނަކީ ވަޒީރުންނަށް ވުމުން ވޯޓު ވިއްކުމުގެ ފުރުސަތު ކުޑަވެގެން ދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ބަރުލަމާނީ ނިޒާމުގައި ކަންކަމަށް ފާރަވެރިވެ ބެލޭނެ ނިޒާމު އިތުރުވެފައި ބޮޑުކަމަށެވެ. ކޮންމެ ދުވަހަކު ވަޒީރުންނާއި، ބޮޑު ވަޒީރު މަޖިލީހަށް ޖަވާބު ދާރީވެ ވަޑައިގަންނަން ޖެހޭކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އެމްޑީޕީގެ އާންމު މެންބަރުންތަކެއް ދަނީ ކުރަމުންނެވެ. މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅާނެ ކަމަށް މިކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.