އަފްއާނިސްތާނުން އެހެން ގައުމުތަކަށް ހިޖުރަކުރާ މީހުން އުފުލުމަށްޓަކާ، އެގައުމުގައި، ބޭރު ގައުމުތަކުގެ ސިފައިން ތިބުމަށް ދީފައިވާ އެންމެ ފަހުގެ ތާރީޚު ކަމުގައިވާ މިމަހުގެ 31 ވަނަ ދުވަހަށް އިތުރު އެއްވެސް ބަދަލު ނުގެނޭވެކަމަށް ތާލިބާން ޖަމާއަތުން ބުނެފިއެވެ.
ޤަތަރުގެ ދޯހާގައި ހަރަކާތްތެރިވާ، ތާލިބާން ޖަމާއަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ސުހައިލް ޝަހީން ވިދާޅުވެފައިވާ ގޮތުގައި، އޮގްސްޓްމަހުގެ 31ވަނަ ދުވަހަށް ފަހު، ދެފަރާތުން ވެފައިވާ އެއްބަސްވުމާ ޚިލާފަށް އަފްއާނިސްތާނުގައި ގައުމުން ބޭރުގެ ސިފައިން ތިބެއްޖެނަމަ، ވެގެންދާނީ، އެގައުމުގެ ބިން ނުހައްގުން ހިފައިގެން ތިބޭ ތިބުމަކަށް ކަމަށާއި، އެއީ ތާލިބާނުން ދަމާފައި އޮންނަ ރަތް ރޮގެއް ކަމުގައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑްން އާދީއްތަދުވަހު ވިދާޅުވެފައިވަނީ، އަފްއާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުންނާއި، އަދި އަފްއާނިސްތާން ދޫކޮށް ދިއުމަށް ހަމަޖެހިފައިވާ އެގައުމުގެ އެތައްހާސް ރައްޔިތުންނެއް އެގައުމުން ބޭރަށް ގެންދިއުމަށް އުދަގޫ އަދި ބުރަ މަސައްކަތް މިހާރު ބާރަށް ކުރިޔަށް ދާކަމަށާއި، އެހެންނަމަވެސް މިމަސައްކަތް 31 އޮގަސްޓުގެ ނިޔަލަށް ނިންމާ ނުލެވިއްޖެނަމަ، ތާލިބާނުން ކާބުލް ހިފުމުގެ ކުރިން އެއްބަސްވެފައިވާ މި މުއްދަތު އިތުރުކުރުމަށް އޭނާ ފަހަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މި މަހުގެ 15ވަނަ ދުވަހު ތާލިބާނުން އެމީހުންގެ ބާރުގެދަށަށް އަފްއާނިސްތާނުގެ ވެރިރަށް ކާބުލް ގެންދިޔަފަހު، ކާބުލްގެ އެއަރޕޯޓުވެފައިވަނީ، އަފްއާނިސްތާން ދޫކޮށް ދާ މީހުން ޖަމާވަމުން ދިއުމުގެ ސަބަބުން ފުރިބާރުވެ ތޮށްޖެހިފަވާ ތަނަކަށެވެ.
ނޭޓޯގެ އޮފިޝަލުން މައުލޫމާތު ދީފައިވާގޮތުގައި، ފާއިތުވެދިޔަ ހަފްތާގައި، އެއަރޕޯޓު ސަރަހައްދުގައި ހިގައިދިޔަ އެކި ހާދިސާތަކުގައި އަފްއާނިސްތާނުގެ 20 މީހަކުވަނީ މަރުވެފައެވެ.
ކާބުލް އެއަރޕޯޓުގައި ތިބޭ ޖާމަނީގެ ސިފައިން މައުލުމާތު ދީފައިވާ ގޮތުގައި، ކޮންބައެއްކަން ނޭގޭ ބަޔަކާއެކީ އެއަރޕޯޓުގެ ދެކުނު ގޭޓް ކައިރީގައި ބަދަލު ކުރެވުނު ހަމަލާތަކެއްގައި އަފާއްނިސްތާނުގެ ސެކިއުރިޓީ ގާޑަކުވަނީ މަރުވެފައެވެ.
އަދި، އެއަރޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ އެމެރިކާ ސިފައިންނާ، ހަގުރާމަވެރިންނާ ބަދަލު ކުރެވުނު ހަމަލާތަކެއްގައި އިތުރު 3 މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް ޖާމަން އަސްކަރިއްޔާ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވެއެވެ.