ލާމަރުކަޒީ ޤާނޫނުގެ ބާރު ކެނޑޭގޮތަށް، އިސްލާހު ހުށަހެޅުމަކީ މޮހޮނަށް އޮޑިދިނުން: ވައްޑެ

ލާމަރުކަޒީ ޤާނޫނުގެ ބާރު ކެނޑޭގޮތަށް، އިސްލާހު ހުށަހެޅުމަކީ މޮހޮނަށް އޮޑިދިނުން: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
23 އޮގަސްޓް 2021 10:44
0

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދިނުމަށްފަހު، އެބާރުތައް ހިފެހެއްޓޭ ގޮތަށް އެހެން ޤާނުނުތައް މަޖިލީހަށް ހުށަހެޅުމަކީ އެއްވެސް ވަރަކަށް ތާއީދު ކުރައްވާނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ޤާނޫނާއި ފުށޫ އަރާ ޤާނޫނުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި، ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ މިއީ އެއްވެސް ގޮތަކަށް ވައުދުވެގެން ރައްޔިތުންނާއި ހަމައަށް ގެނެސްދޭންބުނި ޖަޒީރާ ރާއްޖެގެ ސިޔާސަތާއި ދިމާ އިދިކޮޅު އިސްލާހެއްކަމަށެވެ. އިސްލާހުގައި ލާމަރުކަޒީ ޤާނޫނުން ބާރުތައް ދޫކުރުމަށް ފާސްކޮށްފައިވާއިރު، މިބިލުން އޭގެ ބައެއް ކަންކަން ހިފެހެއްޓޭކަމީ ގަބޫލު ކުރައްވާ ކަމެއް ނޫންކަމަށް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަޅު ރަށްތަކަކީ ހަމައެކަނި ރާއްޖޭގެ ތިބޭ މުއްސަދިން ރިޒޯޓް ހަދަން ބޭނުންކުރާ ރަށްތަކަށް ވެގެން ނުވާނެކަމަށެވެ. އެރަށްތަކަކީ ރައްޔިތުން އުފާކޮށްލަން ބޭނުން ކުރާވޭ ފަދަ ރަށްތަކަށްވެސް ވާންޖެހޭކަމަށެވެ. ނަމަވެސް ފެނިގެންދަނީ ސަރުކާރުގެ މުއައްސަސާތަކުން މިއަދު ފަޅު ރަށްތަކަށް އެއްވެސް އަޅާލުމެއްނެތި ތަންތަން ފަނާވެ ދިއުމަށް ދޫކޮށްލާފައިވާ މަންޒަރުކަމަށެވެ.

އޭނާ ވިދާޅުވީ އއ.އަތޮޅުގެ ވެލިފޮނޮޅު މައްސަލަ ހިނގަމުންދިޔައީ ކުރީ ސަރުކާރު އޮވެގެންނަމަ އެކަމާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ކޮށްލާނެ ވަރު އިހުސާސް ކުރެވޭކަމަށެވެ. ނަމަވެސް މިއަދު ސަރުކާރު އޮވެ އެކަން ކުރުމުންވެސް ސަމާލުކަން ނުދޭކަމީ ހިތާމަ ކުރާ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރެވޭނީ ވަކި ކުލައެއްގެ ލިޕްސްޓިކެއް ތުންފަތުގައި ކާއްތައި، ވަކި ކުލައެއްގެ ޓައިއެއް އަޅައިގެން ނޫންކަމަށެވެ.

ވަހީދު ވަނީ މޮހޮނަށް އޮޑިދޭ އުސޫލުން ކައުންސިލްތަކަށް ބާރުތައް ދޭން އުޅޭ އުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ކައުންސިލްތަކުންނާއި، ރައްޔިތުން މަޖިލީހުން ކުރާ މަސައްކަތް ގާތުން ބަލައި މިކަންކަމަށް ހުށަހަޅަންޖެހޭ ޚިޔާލު ހުށަހެޅުއްވުމަށް އެނާ ވަނީ އެދި ވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.