އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދައުރަށް ކުރިމަތިލއްވި ހުރިހާ ކެނޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާޢީދުކުރާ ހުރިހާ ކެނޑިޑޭޓުންނަށް ތާޢީދުކުރައްވާނެކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަކީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމަށްޓަކައި، އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ސިޔާސީ ލީޑަރެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ރައީސަށް ހުށަހަޅާ ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރުމަށް ރައީސް ނަޝީދު ވަނީ އެމްޑީޕީ ޤައުމީ މަޖިލީހުގެ ގްރޫޕްގައިވެސް އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާ ތައްޔާރުކުރަމުން އަންނަ ޕެޓިޝަންގައި އިއްޔެ ސޮއިކުރަން ފަށާފައިވާއިރު، ބައެއް މަޖިލިސް މެންބަރުންވެސް ގެންދަވަނީ ސޮއިކުރައްވަމުންނެވެ. ނަމަވެސް އެ ޕެޓީޝަނަށް ލިބެނީ ފިނި ތަރުހީބެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް ގޮވާލާ ޕެޓީޝަންގައި ގިނަ ބަޔަކު ސޮއިކުރުމަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދަުރަށް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާޢީދުކުރާ ހުރިހާ ކެނޑިޑޭޓުންނަށް އެމަނިކުފާނު ތާޢީދުކުރައްވަން ނިންމާފައިވާކަމަށެވެ.
MDP ge Qaumee Majlis ge au dhaurah ah kurimathi lavvafavaa candidatunge therein ‘Barulamaanee Nizam’ ah thaaidhu kurava huriha candidatun ah alhugadu thaaidh kuran pic.twitter.com/EOQFGbytGN
— Mohamed Nasheed (@MohamedNasheed) August 22, 2021
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ވަނީ މެސެޖްވެސް ފޮނުވާފައެވެ. މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިހާރު އޮތް ވެރިކަން ކުރާ ކޯލިޝަން ރޫޅާލުމަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ރައީސް ޞާލިހު ވިދާޅުވަމުންދަނީ ރައްޔިތުން ވެރިކަން ހަވާލުކުރީ ކޯލިޝަނަކާއި ކަމަށެވެ.
ނަމަވެސް ރައީސް ޞާލިހުވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ރާއްޖޭގައި އޮންނަން ފެންނަ އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އޮންނަން ފެންނަ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުން ކަމަށާއި، ދެންވެސް ނިޒާމު ގޯސްވެއްޖެނަމަ ނިންމާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
ކޮމެންޓު ފޮނުވާ