2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީ މެނިފެސްޓޯގައި، ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް ވެރިކަމުގެ ނިޒާމް ބަރުލަމާނީ ކުރުމަށް ވެފައިވާ ވައުދު ފުއްދުމަށް ބާރު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސޮއިކޮށްފިއެވެ.
ޤާނޫނީ ވަކީލް މުޙައްމަދު ނިޝާން އިބްރާހީމް ތައްޔާރުކުރާ އެ ޕެޓިޝަންގައި ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހިމެނިވަޑައިގަންނަވައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރު އަޙްމަޒު ޟަމީރުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުންވެސް ރައީސް ނަޝީދަށް ތާޢީދުކުރައްވާ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެޕާޓީގެ ޢާންމު މެންބަރުންވެސް ދަނީ އެ ޕެޓިޝަންގައި ސޮއިކުރަމުންނެވެ.
Baeh Majlis memberun @BondeM4 @muixxu ves Barulamaanee petition gai soe kuravvaifi. https://t.co/hVGEO16StZ pic.twitter.com/LYJjUqOPBj
— Nauty? (@nautymatox) August 21, 2021
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ވަނީ މެސެޖްވެސް ފޮނުވާފައެވެ. މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިހާރު އޮތް ވެރިކަން ކުރާ ކޯލިޝަން ރޫޅާލުމަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ރައީސް ޞާލިހު ވިދާޅުވަމުންދަނީ ރައްޔިތުން ވެރިކަން ހަވާލުކުރީ ކޯލިޝަނަކާއި ކަމަށެވެ.
ނަމަވެސް ރައީސް ޞާލިހުވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ރާއްޖޭގައި އޮންނަން ފެންނަ އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އޮންނަން ފެންނަ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުން ކަމަށާއި، ދެންވެސް ނިޒާމު ގޯސްވެއްޖެނަމަ ނިންމާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
ކޮމެންޓު ފޮނުވާ