މޫޑީސްގެ ހިސާބު ގޯސް، ދަރަނި ނުދެއްކޭ ހާލަތެއްނެތް: ފިނޭންސް މިނިސްޓްރީ

މޫޑީސްގެ ހިސާބު ގޯސް، ދަރަނި ނުދެއްކޭ ހާލަތެއްނެތް: ފިނޭންސް މިނިސްޓްރީ

ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ އަށް ރިއާޔަތްކޮށް، މޫޑީސް އިންވެސްޓާސް އިން ރޭޓިން ދަށްކޮށްފައިވަނީ ބަލަންވާ ވަރަށް ނުބަލާ ކަމަށާއި، ރާއްޖޭގެ އެއްވެސް ލޯނެއް ނުދެއްކޭ ހާލަތަކަށް ނުދާކަމުގައި ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މޫޑީސް އިން ވަނީ ރާއްޖޭގެ ރޭޓިން "ސީއޭއޭ1″ އަށް ދަށް ކޮށްފައެވެ. މި ރޭޓިންގެ މާނައަކީ ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވެ، ދަރަނި އަދާ ކުރުމުގައި ދަތިތައް ކުރިމަތި ވެދާނެއެވެ. އަދި މިރޭޓިން ދެނީ ދަރަނީގެ ހާލަތު ދެމިގެންދާ ފަދަ ހާލަތެއް އޮތް ކަމަށް ބަލާފައެވެ. މޫޑީސް އިން އެންމެ ފަހުން މިދިޔަ އަހަރު ކުރި ރިވިއުގައި ރާއްޖެ އަށް ދީފައި ވަނީ "ބީ3″ އްގެ ރޭޓިން އެކެވެ.

ރާއްޖޭގެ ރޭޓިން މޫޑީސް އިން ދަށްކުރުމުގާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ. ފިނޭންސްގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ދަރަނި އަދާ ނުކުރެވޭނެ ވަރުގެ ހާލަތެއް ދިމާވެފައި ނުވާކަމަށެވެ. އަދި އިޤްތިސާދުވެސް އަންނަނީ ރަނގަޅު ވަމުން ކަމަށާއި ދަރަނި ދެއްކުމުގައި ލަސް ނުވާނެ ކަމަށް އަމީރު ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ އެއްވެސް ލޯނެއް ޑިފޯލްޓް ވެސް ވެފައި ނުވާކަން އަމީރު ފާހަގަކުރެއްވިއެވެ.

މޫޑީސް އިން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ދަރަނި މަތިވަމުން ދިއުމުގެ ސަބަބުން ކުރިން އެ އެޖެންސީން ލަފާކުރި ވަރަށްވުރެ ވެސް ރާއްޖޭގެ ހާލަތު ގޯސް ކަމަށް ބުނެފައިވެއެވެ.

ސަރުކާރުން ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީ ނިސްބަތުން ދަރަނި 2019 އަހަރު %62.5 ގައި ހުރިއިރު ކޯވިޑް އާއި އެކު ޙަރަދުތަށް އިތުރުވެ، އާމްދަނީ ލިބޭ މިންވަރު ދައްވުމުން ދަރަނި %115 އަށް 2020ވަނަ އަހަރު އެރި ކަމަށެވެ. ނަމަވެސް، ސަރުކާރު އޮތީ އެއްވެސް ދަރަނި ޑިފޯލްޓުނުވެ ދެއްކޭ ހާލަތުގައި ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

މޫޑީސް އިން ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް ބަލައި ރޭޓް ކުރާ ކޮންމެ ފަހަރަކު ފިނޭންސް މިނިސްޓްރީން އެކަމާއި ދެކޮޅަށް ބަޔާން ނެރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *