އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހުލޫފް މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ހެއްކެއް ނެތްކަމަށް މަހުލޫފު ވިދާޅުވާ ވިދާޅުވުން މިއަދު ޔަގީންވެއްޖެ ކަމަށް މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފަށް ދައުވާ ކުރުމާއިމެދު ގޮތެއް ނުނިންމި ކިތަންމެ ދުވަހެއް ހޭދަވިޔަސް، ހޯދެން ހުރި ހުރިހާ ހެއްކެއް ނުހޯދެނީސް އެކަމުގައި ގޮތެއް ނުނިންމަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.
ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ މަހުލޫފްގެ މައްޗަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމޭނެ ތާރީހެއް ބުނަން އަދިވެސް ދަތި ކަމަށެވެ. އެމައްސަލައަކީ މުއްދަތު ނުހިނގާ މައްސަލައަކަށް ވުމުން ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނީ ލިބެން ހުރި ހުރިހާ ހެކިތަކެއް ހޯދުމަށްފަހުގައި ކަމަށް ޕީޖީ ވިދާޅުވިއެވެ.
މިކަމާގުޅިގެން މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުވާކުރާނެ ހެއްކެއްނެތްކަމަށް ތަކުރާރުކޮށް މަހުލޫފު ވިދާޅުވާ ވިދާޅުވުން މިއަދު އިތުރަށް ޔަގީންވެފައި ވާކަމަށެވެ. 2 އަހަރު ވަންދެން އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނާއި އޭސީސީން ހޯދި އެއްޗެއް ހޯދާފައި، ދައުވާ ކުރަންފޮނުވާފަ އަދިވެސް ހަމަހެކިހޯދަނީތޯ މަހުލޫފު ވަނީ ވިދާޅުވެފައެވެ.
"މިވަރު ވާހަކައެއް ޝަމީމް ވިދާޅުވެދާނެކަމާމެދު ޝައްކު"
– މަހުލޫފް
އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފު މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ހުށައަޅައިފައިވަނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހުލޫފަށް ލިބުނު ކަމަށް އޭސީސީން ތުހުމަތު ކުރަނީ 33،000 ޑޮލަރެވެ. އޭސީސީން ބުނެފައި ވަނީ އެ ފައިސާ އަކީ މަހުލޫފު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިން ފައިސާ ކަމަށެވެ.
ތުހުމަތުތަކުން ދިފާއުވުމަށް މަހުލޫފު ކުރިން ވިދާޅުވީ، އެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. ފައިސާ ދިން އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.