ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ތުހުމަތުކުރައްވައިފިއެވެ.
މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބަޔަކު މަސައްކަތްކުރާކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ސައީދު ހާމައެއް ނުކުރައްވައެވެ.
އިއްޔެގެ ޖަލްސާގައި ސައީދު ވަނީ ސަރުކާރާއި މަޖިލީހުގެ ރައީސަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގެ ރައީސް ނެތި މަޖިލީސް ކުރިއަށް ގެންދިއުމަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށް ސައީދު ވިދާޅުވިއެވެ.
މަޖިލީހަށް ރައީސް ނަޝީދު ފޮނުއްވި ސިޓީއެއްގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގް ނިމި އެހަމަލާއަށް ފަންޑު ކުރި މީހުންނާއި، ހަމަލާގައި ބައިވެރިވި އެންމެންގެ މައްސަލަތައް ތަހުގީގް ކުރެވުމުން ނޫނީ ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި ހެޔޮއެދޭ އެތައް ބަޔަކު އެދޭ ގޮތެއް ނޫންކަމަށް ވިދާޅުވެ ރާއްޖެނައިސް ބޭރުގައި ހުރެވޭނެހެން ޗުއްޓީ ހަމަޖައްސައިދެއްވުމަށް ވަނީ އެދިފައެވެ.
އެކަމަށް އިޝާރާތްކުރައްވާ ސައީދު ވިދާޅުވީ ދައުލަތުގެ އެއްބާރުގެ ވެރިޔަކަށް ރައްކާތެރިކަމެއް ނެތް ކަމަށް އަމިއްލަ ފުޅަށް ވިދާޅުވުމުން ދައުލަތުގެ ހާލަތު ހާމަވާ ކަމަށެވެ. ދައުލަތުގެ ތިން ބާރުގެ ވެރިން މަގާމުގެ ހުވާކުރެއްވުމަށް ފަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ނަޝދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭ ކަމަށް ސައީދު ތުހުމަތުކުރައްވާފައި ވަނީ ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ސިޔާސީ ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އަދި ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ފާޅުގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަކީ ވެރިކަން ކުރާ ބޭފުޅަކަށް މުހިންމު އެއްޗެއް ކަމަށާއި އެ މެޖޯރިޓީ މިވަގުތު ރައީސް ސޯލިހަށް އެބަ އޮތްކަމަށް ދާދިފަނުން ނުސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވިދާޅުވެފައި ވެއެވެ. އަދި ރައީސް ނަޝީދު ޚިދުމަތުގައި ދެމިހުންނަވަން އެދިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ ލަފާވެސް ބޭނުންވާ ކަމަށް އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ
ކޮމެންޓު ފޮނުވާ