ނަފްސާނީ ބޭސް ލިބުމުގެ ދަތިކަމެއް ނެތް: މިނިސްޓަރ

ނަފްސާނީ ބޭސް ލިބުމުގެ ދަތިކަމެއް ނެތް: މިނިސްޓަރ

Author
އަހުމަދު
23 ޖޫން 2026 10:19
0

ނަފްސާނީ ބަލިތަކަށް ފަރުވާކުރަން ބޭނުންކުރާ ބޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ދޭ ބޭސްތަކަކީ ވަކި ޚާއްސަ އުސޫލުތަކަކާއި ކޯޓާއެއްގެ ދަށުން ރާއްޖެއަށް އެތެރެކުރާ ބޭސްތަކެއް ކަމަށެވެ. އަދި ގުރައިދޫ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާއި އާއިލާތަކާ ހަވާލުކޮށްފައިވާ މީހުންނަށްވެސް ގަވާއިދުން ބޭސް ފޯރުކޮށްދެމުންދާ ކަމަށާއި، ބޭހުގެ ސަޕްލައިގައި މިވަގުތު އެއްވެސް މައްސަލައެއް ނެތްކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް، ރިހެބިލިޓޭޝަނަށް ބޭނުންވާ ބޭހާއި ބައެއް ޚާއްސަ އިންޖެކްޝަންތައް ނުލިބޭ މައްސަލަ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ މަޖިލީހުގެ ސަމާލުކަމަށް ގެންނަވާފައެވެ. މީގެ އިތުރުން، ބޭސް ނުލިބޭތީ ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ޝަކުވާކުރަމުންދެއެވެ. މީގެ ކުރިން ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ފާމަސީތަކުގައި ހުރި ބޭސްތައް ބަލައިގެން ބޭސް ސިޓީ ލިޔެދިނުމަށް ޑޮކްޓަރުންނަށް މިނިސްޓަރު އިރުޝާދު ދެއްވުމާ ގުޅިގެންވެސް އާންމުންގެ ގިނަ ފާޑުކިޔުންތަކެއް އެކަމަނާއަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.