ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސްގެ "ޝޭރްޝާހް" ވަނީ މިމަހު ރިލީޒްކޮށްފައެވެ. މި ފިލްމްއަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ކަރްގިލް ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ވިކްރަމް ބަޓްރާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
މިފަދަ އިތުރު ފިލްމެއް ހެދުމަށް އަނެއްކާވެސް ކަރަން މިވަނީ ނިންމާފައެވެ. މި ފަހަރު ގެެނެސްދޭ ފިލްމަކީ އިންޑިއާ އަށް އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންކަން ހޯދުމުގައި އެންމެ އިސް ރޯލެއް އަދާކުރި މަހާތުމާ ގާންދީގެ ދުވަސްވަރު ފާހަގަކޮށްލެވޭ އަންހެން ޝަހުސިއްޔަތެއް ކަމަށްވާ އޫޝާ މެހެތާގެ ވާހަކަ ކިޔައިދޭ ފިލްމެކަމަށް ބޮލީވުޑް ހަންގާމާއިން ބުނެއެވެ.
އޫޝާ އަކީ އިނގިރޭސިންނާ ދެކޮޅަށް ކުރިއަށް ގެންދިޔަ "ކުއިޓް އިންޑިއާ މޫވްމަންޓް"ގެ ތެރެއިން އަންޑަގްރައުންޑް ޕައިރޭޓް ރޭޑިއޯ، ކޮންގްރެސް ރޭޑިއޯ ހިންގުމުގައި އެންމެ އިސްކޮށް އުޅުނު މީހާއެވެ.
1947 ގައި އިންޑިއާއަށް މިނިވިންކަން ލިބުމުން، ދޭންފެށި ޕަދުމާ ވިބުޝަން ވެސް އޫޝާ އަށް ލިބިފައި އެވެ. އެއީ އިންޑިއާގައި އާންމުރައްޔިތަކަށް ދޭ އެންމެ މަތީ ޝަރަފެވެ. އޭނާ މަރުވީ 2000 ވަނަ އަހަރުއެވެ.
މި ފިލްމް ޑައިރެކްޓަރަކަށް ކަރަން ބޭނުންވަނީ ކަންނަން އިއްޔަރެވެ. އޭނާ އަކީ "އޭކް ތީ ޑަޔާން" ގެނެސްދިން ޑައިރެކްޓަރެވެ.
ކޯވިޑް-19ގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެއް ގޭގައި ކަމެއްނެތި ފިލްމް އިންޑަސްޓްރީގެ މަސައްކަތްކުރާ މީހުން ތިބުމަށްފަހު މިހާރު އަންނަނީ މަޑުމަޑުން މަސައްކަތަށް ރުޖޫއަ ވަމުންނެވެ.
ބަޔޮޕިކް ފިލްމް ތަކަކީ ފަހަކަށް އައިސް އިންޑިއާގެ ސިނަމާތަކުގައި ވަރަށް ހިނގާ ވައްތަރެއްގެ ފިލްމް ތަކެކެވެ. އެހެންވެ ގިނަ ޕްރޮޑިއުސަރުން މިކަހަލަ ފިލްމުތައް އުފެއްދުމަށް ސަމާލުކަން ދެއެވެ. އަދި ބޮޑެތި ސްޓާރުންވެސް މިފަދަ ފިލްމުތަކަށް މިހާރު ސަމާލުކަން ބޮޑެވެ.