ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށް ގޮވާލާ އިހުތިޖާޖްކޮށްފި

ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށް ގޮވާލާ އިހުތިޖާޖްކޮށްފި

Author
މުޙައްމަދު ޝަޒައިމް
13 އޮގަސްޓް 2021 08:08
0

ހިޔާ ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށާއި، ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް ހިޔާ ޔޫނިއަނުން ސުލްހަވެރި އެއްވުމެއް ބާއްވައިފިއެވެ.

ހިޔާ ފްލެޓް ލިބުނު ބައެއް މީހުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގެ ކައިރީގައި މުޒަހަރާ ފަށާފައި ވަނީ މިއަދު ހަވީރު 4:30ހާއިރުއެވެ. މުޒާހަރާ އިންތިޒާމްކޮށްފައި ވަނީ ހިޔާ ޔޫނިއަނުންނެވެ.

ހިޔާ ޔޫނިއަނުން ބުނީ މި ކަންކަމަށް ހައްލު ހޯދައިދިނުމަށް އެދި ޖޫން މަހުގެ 1 ވަނަ ދުވަހު، 2،177 މީހުންގެ ސޮޔާއި އެކު ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި އަދަށްވެސް ރައީސް އޮފީހުން ޖަވާބެއް ދީފައިނުވާކަން އެ ޔޫނިއަނުން ފާހަގަކުރެއެވެ.

މުޒާހަރާ ކުރި މީހުންގެ ޕޯސްޓަރުތަކުގައި ބުނެފައި ވަނީ ސަރުކާރުން މިހާރު ކަނޑައަޅަފައިވާ އަގަކީ ސޯޝަލް ހައުންސިންއަށް އެންމެ އެކަށޭނަ އަގު ނޫން ކަމަށާއި ފްލެޓުގެ އަގު ކުޑަކޮށްދިނުމަށެވެ. ލިބޭ އާންމުދަނީ އާއި ފްލެޓަށް ދައްކަންޖެހޭ އަގާ ދެކޮޅު ޖެއްސެން ނެތް ކަމަށް އެތަނަށް އެއްވި މީހުންގެ ޕޯސްޓަރުތަކުގައި ލިޔެފައިވެއެވެ.

ހިޔާ ޔޫނިއަނުން ބުނީ މި އެއްވުމުގައި މައިގަނޑުގޮތެއްގައި ފާހަގަކުރަނީ 3 ކަމެއް ކަމަށެވެ. އެއީ ފްލެޓުތަކުގެ ކުލި ކުޑަކުރުމާއި، ގްރޭސް ޕީރިއަޑުގެ ގޮތުގައި ދޭ މުއްދަތު އިތުރުކޮށްދިނުމަށާއި، ޖުމްލަ އަގުން އެއް ލައްކަ ރުފިޔާ ކަނޑައިދިނުމަށް ކަމަށެވެ. އެގޮތުން ގްރޭސް ޕީރިއަޑުގެ ގޮތުގައި ދޭ މުއްދަތު 12 މަހަށް އިތުރުކޮށްދިނުމަށް އެދޭ ކަމަށް އެ ޔޫނިއަނުން ބުނެފައިވެއެވެ. އަދި ފްލެޓުތަކުގެ ކުލި 5،600 ރުފިޔާއަށް ކުޑަކޮށްދިނުމަށާއި، އަމިއްލައަށް އިންޓީރިއާ މަސައްކަތްތައް ކުރަންޖެހޭތީ ޖުމްލަ އަގުން އެއް ލައްކަ ރުފިޔާ ކަނޑައިދިނުމަށް އެދޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.