ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓުވަރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި ސްޕްރީމް ކޯޓުން ކުރިހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ކަރެކްޝަނުން ފަށައިފިއެވެ.
ކޯޓަށް ހާޒިރުވާން އެންގުމުން ވެސް ހާޒިރު ނުވެ ހުރުމަތް ކަނޑާލި މައްސަލައިގައި އަލީ ވަހީދު 2 މަހާއި، 12 ދުވަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ އިއްޔެއެވެ. އަލީ ވަހީދުގެ ހުކުމް ތަންފީޒު ކުރުމަށް ސްޕްރީމްކޯޓުން ވަނީ ކަރެކްޝަންގެ މައްޗަށް އަމުރުކޮށްފައެވެ.
ސްޕްރީމްކޯޓުގެ ހުކުމުގެ މިއަމުރާއި ގުޅިގެން ކަރެކްޝަނުން ވިދާޅުވީ، ހުކުމުގެ އަމުރު މިއަދު ހެދުނު ކަރެކްޝަނަށް ލިބިފައިވާކަމަށެވެ. އަދި މިފަދަ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާ އުސޫލުން ކަރެކްޝަންގެ ބެލުމުގެ ދަށުގައި ނެތްމީހެއްގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި، ފުލުހުންގެ ކިބައިން އެދޭނެކަމަށެވެ. އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
އަލީ ވަހީދު ގެނައުމަށް ކަރެކްޝަނުން މަސައްކަތް ފަށާފައިވާއިރު، އޭނާ ހުރި އިނގިރޭސިވިލާތަކީ ޔޫރަޕިއަން ޔޫނިއަނުންވެސް ވަކިވެފައިވާ ޤައުމެކެވެ. އަދި އެޤައުމަކީ މީގެ ކުރިންވެސް ރާއްޖޭގެ އެތައް ސިޔާސީ ބޭފުޅުންނަށް ހިމާޔަތް ދީފައިވާ ޤައުމެކެވެ. އެހެންކަމަށް ވުމުން އަލީ ވަހީދު ގެނައުމަށް ކުރެވޭ މަސައްކަތުގައި މިފަދަ ހުރަސްތަކެއް އޮތުމަކީ އެކަށީގެންވާ ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ބޭސް ފަރުވާއަށްކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއެކުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.