ފުލުހުންނާމެދު އެމްޑީޕީން ގެންގުޅޭ ބަދަލުހިފުމުގެ ރޫހު ހުއްޓަލުމަށް އިދިކޮޅު ގޮވާލައިފި

ފުލުހުންނާމެދު އެމްޑީޕީން ގެންގުޅޭ ބަދަލުހިފުމުގެ ރޫހު ހުއްޓަލުމަށް އިދިކޮޅު ގޮވާލައިފި

Author
މުޙައްމަދު ޖިމީ
10 އޮގަސްޓް 2021 12:35
0

ފުލުހުންގެ މުއައްސަސާ އާއިމެދު އެމްޑީޕީ އިން ގެންގުޅޭ ބަދަލު ހިފުމުގެ ރޫހުގެ ތެރެއިން އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ފުލުހުންގެ އިދާރާ އިސްލާހުކުރުމަށް ކަމަށް ބުނެ ސަރުކާރާއި އެމްޑީޕީ ގެ ސިޔާސީ ނުފޫޒާއެކު އެ މުއައްސަސާގެ ޕްރޮފެޝަނަލް އަދި އިސް މަޤާމުތަކެއްގައި ތިއްބެވި އޮފިސަރުންތަކެއް ވަކި ކުރުމަށް ނިންމި ނިންމުމަކީ އެކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި އެއީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ފުލުހުންނާއި ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ހިންގަމުން ގެންދާ ޖަރީމާތަކަށް އިތުރުވެގެންދާ ބޮޅެއްގެ ގޮތުގައި ރައްޔިތުން އަންނަނީ ސިފަ ކުރަމުންކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ދާދި ފަހުން އެމްޑީޕީގެ ސިޔާސީ މުހުތާދުތަކެއް ފުއްދުމުގެ ބޭނުމުގައި ފުލުހުންގެ ޤާނުނަށް ގެނެވިފައިވާ އިސްލާޙުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑަކީ އެމްޑީޕީ އިން ބޭނުންވާ ގޮތަށް ކަން ކުރާނެ ބަޔަކު ހިމަނައިގެން އެކުލަވާފައިވާ ބޯޑެއްގެ ބެލެވެކަމަށްވެސް އިދިކޮޅުން ނެރުނު ބަޔާނުގައިވެއެވެ. އަދި އެއީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ވެސް ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާ އެމުއައްސަސާ ސިޔާސީ ކުރަން ކުރި މަސައްކަތް ކާމިޔާބު ނުވެ، ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ، ރައްޔިތުންނަށް އަނިޔާކޮށް ބިރުވެރިކަން ފެތުރުމަށް މަސައްކަތްކޮށް، ވެރިކަން ކުރާން ނޭނގި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިޢުފާ ދެއްވައި، އެކަން ފުލުހުންނާއި ސިފައިންނާއި މަތިކޮށް ބަދަލު ހިފުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި އެ ކޯލިޝަނުން ދެކޭކމަށްވެސް ބަޔާނުގައިވެއެވެ.

ފުލުހުންގެ މުއައްސަސާއާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާ، އެ މުއައްސަސާގެ އިސް ވެރިންތަކެއް ވަކި ކުރަން ޖެހޭކަމަށާއި، އަދި އެމުއައްސަސާގެ އިސް އޮފިސަރުންތަކަކާމެދު ބަދަލު ހިއްޕެވުމުގެ ރޫހު ހުރިކަން ދޭހަވާ މޭރުމަކުން މަޖިލީހުގެ ޖަލްސާތަކުގައިވެސް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާކަން އެންގެން އެބަހުއްޓެވެ. ހަމައެއާއެކު ޕޮލިސް ކޮމިޝަނަރ ގެ މަޤާމުގައި ރައީސުލްޖުމްހޫރިއްޔާގެ ޅިޔަނަކު ބަހައްޓަވައިގެންވެސް ކުރަމުން ގެންދާ މަސައްކަތަކީ ބަދަލު ހިފުން ކަމުގައި އަންނަނީ ބެލެވެމުންނެވެ.

– ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

އެހެންކަމުން ފުލުހުންނާއި ސިފައިން ފަދައިން ޤައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ މަސްޢޫލިއްޔަތު ޙަވާލު ކުރެވިފައިވާ މުއައްސާތައް ސިޔާސީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށާއި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ގޮވާލާކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ފުލުހުންގެ ބޯޑު ގެ އެ ނިންމުންވެސް ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ އަލުން މުރާޖަޢާ ކުރުމަށް އެކޯލިޝަނުން ވަނީ ގޮވާލައްވާފައެވެ.

އިދިކޮޅު ކޯލިޝަނުން މިފަދައިން ބުނެފައިމިވަނީ، ފުލުހުންގެ އިސް ހަތް އޮފިޝަލުން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ރޭ ނިންމެވުމާއި ގުޅިގެންނެވެ. ފުލުހުންގެ ޚިދުމަތުން ވަކިކުރުމަށް ނިންމާފައިވާ ބޭފުޅުންގެ ތެރޭގައ ފުލުހުންގެ ޚިދުމަތުގައ ގިނަ ދުވަސްވީ ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި:

– ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު

– އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ

– ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު

– އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު

– އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު

– ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް

– ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

ގާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.