ރާއްޖޭގެ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މުދައްރިސުންގެ މުސާރަ އަންނަ އަހަރުން ފެށިގެން ބޮޑު ކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ުމުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން ހުޅުމާލޭ ރެހެންދި ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ކޯވިޑް-19ގެ ދަތި އުދަނގޫ ވަގުތުގައިވެސް އެންމެ ބުރަ މަސައްކަތެއް ކުރެއްވީ މުދައްރިސުންކަމަށެވެ. ޓީޗަރުންގެ މަސައްކަތަކީ ދެވޭ ހަދިޔާއަކުން މުސާރައަކުން އަގުކުރެވޭނެ ކަމެއްނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ޓީޗަރުން ކުރައްވަމުން ގެންދަވާ، އަގު ވަޒަން ނުކުރެވޭ ވަރުގެ ބުރަ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތާއި ހޭދަކުރައްވާ ގިނަ ވަގުތުތަކާ އެކަށޭނަ ގޮތުން، މިއަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން، ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމުގައެވެ.
އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތާއި، ހޭދަކުރައްވާ ގިނަ ވަގުތުތަކާ އެކަށޭނަ ގޮތުން، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ޓީޗަރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް، ސަރުކާރުން މި އަންނަނީ ކުރަމުން. މީގެ އިތުރުން، ޓީޗަރުން ލިބުންދަތި ބައެއް މާއްދާތައް ކިޔަވައިދިނުމަށްޓަކައި، އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ ދިވެހި ޓީޗަރުންނަށް، އެފަދަ މާއްދާތައް ކިޔަވައިދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދީ، އެކަމަށްޓަކައި ލިބެންޖެހޭ ޢިނާޔަތްތައްވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން.
– ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތު ކަމުގައިވާ މީހުން ބިނާކުރުމުގެ އެންމެ މުހިންމު ޒިންމާވެސް އޮތީ ޓީޗަރުންގެ އަތްޕުޅުގައިކަމަށެވެ. އަދި މާދަމާގެ ދަރިންނަކީ ބޭނުންތެރި މުޖުތަމަށް ފައިދާހުރިބަޔަކަށް ހެދުމަށް އެންމެ ބޮޑު ޒިންމާއެއް އޮތީވެސް ޓިޗަރުންގެ އަތުގައިކަމަށެވެ. ޓީޗަރުންނަކީ ދިމާވާ ކޮންމެ ހާލަތެއްގައިވެސް ޤައުމު ބިނާކޮށް އާރާސްތު ކުރުމަށްޓަކައި އެންމެ ބޮޑު ޒިންމާއެއް އަދާކުރަމުންދާ މީހުންކަމުގައި ވާއިރު، އެބޭފުޅުންގެ ޚިދުމަތް ތާއަބަދު ގަބޫލުކޮށް އެކަންކަމަށް ޝުކުރު ވެރިވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޙަޤީޤަތުގައި ޓީޗަރުންނަކީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާ، މީހުން ބިނާކުރުމުގެ ޢަމަލީ މަސައްކަތް ތަންފީޒުކޮށްދެއްވާ ބޭފުޅުން. އޭގެ އިތުރުން، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށްޓަކައިވެސް، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް. މުޖުތަމަޢަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމަށްވާ، ހަރުކަށި ފިކުރު ފެތުރުމާއި، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތަޢުލީމީ ނިޒާމުގެ ތެރެއިން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ކޯވިޑް-19ގެ އެންމެ ދަތި ހާލަތުގައި ޚާއްސަކޮށް، ފާއިތުވެދިޔަ ދޮޅު އަަހަރުގެ ތެރޭގައި ދަރިވަރުންގެ ތައުލީމީ ހަޔާތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ޓީޗަރުން ކުރެއްވި ބުރަ މަސައްކަތަށް ރައީސްވަނީ ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެހިތްވަރާއިއެކު މިއަދު މިފެށުނު ދިރާސީ އާ އަހަރަކީ ކާމިޔާބު އަހަރަކަށް ހެދުމަށް ހުރިހާ ބޭފުޅުންވެސް އެއް އަޒުމެއްގައި މަސައްކަތް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ