އެމްޑީޕީ އުފައްދައި، މެމްބަރުން އިތުރު ކުރުމަށް އެންމެ ފުރަތަމަ ރަށްރަށް ކުރި ދަތުރުތަކުގައި، ރަށްރަށުގެ މީހުން މާފަތިތައް އަޅުވަމުންދިޔައީ، މޫސަމެންގެ ކަރުގައިކަމަށާއި، ނަޝީދަކީ އޭރު ކާކުކަމެއްވެސް ގިނަ މީހުންނަށް ނޭގޭ ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާމަނިކު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީ އުފައްދައި ވުޖޫދު ވެގެން އައީ ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ތެރެއިންކަމަށެވެ. ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން އޭރު ކުރި ސިޔާސީ އިސްލާހީ މަސައްކަތްތަކުގެ ތެރޭގައި އެމްޑީޕީ އުފެއްދުމަށް ކުރެވުނު މަސައްކަތްތައްވެސް މޫސަ ވަނީ ހިއްސާ ކުރައްވާފައެވެ. މޫސަ ވިދާޅުވީ އެމްޑީޕީ އުފައްދައި އަތޮޅު ތެރެއަށް އޭރު ކުރި ދަތުރުތަކުގައި މިހާރު އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަކީ ރައްޔިތުންގެ މެދުގައި މާ މަގުބޫލު ބައެއް ނޫންކަމަށެވެ.
އޭރު ރައީސް ނަޝީދާއި، އެނޫން ބޭފުޅުންވެސް ދަތުރުތަކުގައި ދިއުމުން ރަށްރަށުން މާފަތި އަޅުވައި މަރުހަބާ ކިޔާއިރު، ފުރަތަމަވެސް މާފަތި އަޅުވަނީ އޭނާގެ ކަރުގައިކަމަށް މޫސަ ވިދާޅުވިއެވެ. އޭރު ރައީސް ނަޝީދު ދަންނަ މާގިނަބަޔަކު މިގައުމުގައި ނެތްކަމަށް މޫސަ ވިދާޅުވިއެވެ. އެހެން އެކަންވީ އޭނާއަކީ ފިލްމީ ދާއިރާގައިވެސް އުޅެފައިވާ މީހަކަށްވުމުން ރައްޔިތުންގެ މެދުގައި އޮތް މަގުބޫލު ކަމަކުންކަމަށްވެސް މޫސަ ފާހަގަކުރެއްވިއެވެ.
ހަމަ ތެދަށް މިދަންނަވަނީ އޭރު ރަށްރަށް ދިއުމުން ރައީސް ނަޝީދަކީ ކާކުކަމެއް ނުވެސް އެނގޭނެ. މާފަތި އަޅުވަނީވެސް އަޅުގަނޑުންގެ ކަރުގައި.
– މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މިއަދު އެމްޑީޕީ ތެރެއިން ފެންނަނީ ވަރަށް ނާތަހުޒީބު އަމަލުތަކެއްކަމަށެވެ. ވަކި މީހަކު ޕާޓީގައި ބަގުޑި ބައްދައި، އަމިއްލަ ތަރިކަ މުދަލަށް ހަދައި ތިމާ ހިތްހަމަ ނުޖެހޭ މީހަކު ނަމަ ޕާޓީން ބޭރުކޮށް، މިއީ އެމްޑީޕީ ދަންނަ އަސާސްތަކެއް ނޫންކަމަށެވެ. އަދި ވެރިކަމުގައި އެމްޑީޕީގެ ރައީސަކު ހުންނަ ނަމަ އެމީހަކަށް ޖެއްސުންކުން ވެރިކަން ކުރަން އުދަގޫވާވަރަށް އަމިއްލަ ޕާޓީ ތެރެއިން ކަންކަން ކުރުމަކީ މިއިން ޒަމާނަކުވެސް އެމްޑީޕީން ކުރި ކަންތައްތަކެއް ނޫންކަމަށެވެ.
މޫސަ ވިދާޅުވީ އެމްޑީޕީ ތެރެއިން ރައީސް ޞާލިހުއާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަކީ ކާމިޔާބު ވާނެ ކަންތައްކެއް ނޫންކަމަށެވެ. އެމްޑީޕީއަކީ އަސާސްތަކެއް ގަބޫލުކުރާ ޕާޓީއަކަށްވާއިރު، ވަކި މީހަކު ބޭނުންވާހާ ގޮތަކަށް އެމްޑީޕީ ނުހިނގާނެކަމަށާއި، އެކަން ވިޔަ ނުދޭނެކަމަށްވެސް މޫސަ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ