އިރާނުގެ އާރައީސް، ރައީސީ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބް ކުރއްވަނީ

އަރަބި ގައުމުތައް އެއްބައިވަންތަ ވުމަށް ގޮވާލައްވަމުން، އިރާނުގެ އާރައީސް މަގާމުގެ ހުވާ ކުރައްވައިފި

އަރަބި ގައުމުތައް އެއްބައިވަންތަ ވުމަށް ގޮވާލައްވަމުން، އިރާނުގެ އާރައީސް މަގާމުގެ ހުވާ ކުރައްވައިފި

އިރާނުގައި އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، އިބުރާހިމް ރައީސީ، އިރާނުގެ 8 ވަނަ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.

ތެހެރާންގައި ހުންނަ އިރާނުގެ ގާނޫނުހަދާ މަޖިލިހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ބުރާސްފަތު ދުވަހު ރައީސީ ރައީސްކަމުގެ ހުވާ ކުރައްވާފައިވަނީ، ގުރުއާންގައި އަތްލައްވާ ހުންނަވައިގެންނެވެ. ހުވާ ކުރެއްވުމަށްފަހު ރައީސީ ވައުދުވެ ވަޑައިގެންފައިވަނީ، އިރާނަކީ މިހާރަށްވުރެވެސް ވަރުގަދަ ގައުމަކަށް ހައްދަވާނެ ކަމަށާއި އަދި ބައިނަލްއަގުވާމީ މަސްރަހާ އެކީ މަސައްކަތް ކުރައްވަނެ ކަމަށެވެ.

އިރާނުގެ، އުމުރުން 82 އަހަރުގެ، މިހާރުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމެނެއިގެ މާގާމަށް އޭނާ އަވަހާރަވުމަށްފަހު ވަޑައިގަންނަވާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރާ، އުމުރުން 60 އަހަރުގެ ރައީސީ ވިދާޅުވި ގޮތުގައި އިރާނުގެ ރައްޔިތުން އޭނާގެ ކިބައިން އެދިވަޑައިގަންވަނީ، އެގައުމުގެ މިނިވަންކަން ހިމާޔަތް ކޮށްދިނުމާއި އަދި ބޭރުގެ ބައެއް ގައުމުތަކުން އެގައުމަށް ހަނގާ ކުރުމުން އެގައުމުން ހިމާޔަތް ކުރުމަށް ކަމަށެވެ.

އެހެންނަމަވެސް އޭނާވަނީ، "ބޭރު ދުނިޔެއާއެކީ ޑިޕްލޮމަސީގެ ގުޅުން ދަމަހައްޓާ، އުފެއްދުންތެރި އަދި ފުޅާދާއިރާއެއްގައި ކުރެވޭ މަޝްވަރާތަަކަށް" ޖާގަ ދެއްވާނޭކަމަށް ވިދާޅުވެ އަދި ސަރަހައްދީ ގައުމުތަކާ އެކީ ގުޅުން ބަދަހި ކުރުމަކީ އޭނާގެ އެއްމެ އިސް އެއްވާޖިބު ކަމުގައި ހައްދަވާނޭ ކަމަށްވެސް ވިދާޅުވެފައެވެ.

"އަހަރެން އެއްބައިވަންތަ ކަމާއި، އެކުވެރިކަމުގެ ގުޅުމަކަށް ހުރިހާ ގައުމަކަށްވެސް ދައުވަތު ދެން، ޚާއްސަކޮށް ސަރަހައްދީ ގައުމުތަކަށް،" ރައީސީ ވިދާޅުވެފައި ވެއެވެ.

އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބަކީ އިރާންގެ ތާރީޚުގައިވެސް އެންމެ މަދުން މީހުން ވޯޓު ލާފައިވާ ރިޔާސީ އިންތިޚާބު

އެތެރެއާއި ބޭރުން 260 ވަރަކަށް ޑެލިގޭޓުން ހާޒިރުވެ ތިއްބެވި، ގާނޫނު ހަދާ މަޖިލިހުގެ ޗެމްބަރުގައި ވާހަކަ ދައްކަވަމުން ރައީސީ ވިދާޅުވެފައިވަނީ، ސަރަހައްދީ މައްސަލަތައް ހައްލުކުރަން ޖެހޭނީ ގައުމުތަކުގެ މެދުގައި ވާހަކަ ދައްކައިގެން ކަމުގައެވެ. އަދި ވިދާޅުވީ ސަރަހައްދުގައި ބޭރުގެ އަސްކަރީ ސިފައިން ބޭތިއްބުމުގެ ނަތީޖާއަކަށް ވެގެންދާނީ، ސުލްހަ މަސަލަސްކަން ގެއްލިގެން ދިއުން ކަމުގައެވެ.

ހުޅަގާއި، އިސްރާއީލް އަދި އަވައްޓެރި ބައެއް ގައުމުތަކުން އީރާނަށް ކުރިމަތިވާ ބައެއް ފާޑުކިއުންތަކަށް ރައްދު ދެމުން ރައީސީ ވިދާޅުވެފައިވަނީ، ސަރަހައްދުގައި އިރާނުން އަދާކުރަމުންދާ ދައުރުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމާއި އަދި ރައްކާތެރިކަމަށް އެހީތެރިަކން ލިބެމުންދާ ކަމަށެވެ.

އަދި އޭނާވަނީ، ނިއުކުލިއަރ އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާ ބޭރުވުމަށްފަހު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށްވެސް ގޮވާލައްވާފައެވެ.

"މި އަމާޒަށް ވާސިލްވުމަށް ކުރެވޭ ޑިޕްލޮމެޓިކް ހުރިހާ މަސައްކަތަކަށްވެސް އަހަރެމެންގެ އެއްބާރުލުން ލިބޭނެ،" ވިއެނާގައި މިހާރު ކުރިޔަށްދާ މަޝްވަރާތައް އޭނާ ކުރިޔަށް ގެންދަވާނެ ކަމަށް އިޝާރާތް ކުރައްވަމުން ރައީސީ ވިދާޅުވިއެވެ.

މީގެ އިތުރަށް އޭނާވަނީ، އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއްކަމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ، "އިރާނުގެ ދިފާޢީ ނިޒާމުގެ ތެރޭގައި ނިއުކުލިއަރ ހަތިޔާރަށް އެއްވެސް ޖާގައެއް ނެތް" ކަމުގައެވެ.

ރައީސީގެ ވާހަކަފުޅުގައި، އިރާނުގެ އިގްތިސާދަށް ކުރިމަތިވެފައިވާ މައްސަލަތަށް އޭނާއަށް ފަހުމްވެ ވަޑައިގަންނަވާކަމަށް ވިދާޅުވެ، އިރާނުގެ ހުރިހާ ރައްޔިތުންގެ ހާލަތުވެސް ރަގަޅުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާ ވެވަޑައިގަންނަވާނީ އިންސާނީ ހައްގުތައް ރައްކާތެރި ކޮށްދެއްވާނެ ރައީސަކަށް ކަމުގައެވެ.

ރައީސީގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި، އިރާނުގެ އިސް އޮފިޝަލުންގެ އިތުރުން، ދުނިޔޭގެ 70 ގައުމެއްގެ އިސްއޮފިޝަލުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މީގެތެރޭގައި ބައެއް ގައުމުތަކުގެ އެންމެ އިސްވެރިންވެސް ހިމެނިވަޑައިގަންނަވަނެއެވެ.

އޭގެތެރޭގައި، އިރާގުގެ ރައީސް ބަރުހާން ސާލިހުއާއި، އަފްއާނިސްތާންގެ ރައީސް އަޝްރަފް ޢަނީއާއި، އަރުމީނިއާގެ ބޮޑުވަޒީރު ނިކޮލް ޕެޝިންޔާއާއި، ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ލީޑަރ އިސްމާއިލް ހާނިޔާއާއި، ރަޝިއާގެ ގާނޫނު ހަދާ މަޖިލިސް ޑޫމާގެ ޗެއާމަން ވިޔަޗެސްލަވް ވޮލޮޑިން ހިމެނިވަޑައި ގަންނަވައެވެ.

މީގެ އިތުރުން ތުރުކީގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސް މުސްތަފާ ސެންޓޮފްއާއި ޕާކިސްތާންގެ ސެނެޓް ޗެއަރމަން ސާދިގް ސަންޖިރާނީއާއި ޔަމަނުގެ ހޫތީންގެ ޗީފް ނެގޯޝިއޭޓަރ މުހައްމަދު އަބުދުއްސަލާމްއާއި ސީރިއާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސް ހަމޫދާ ސައްބާގުއާއި އާޒަރުބައިޖާންގެ ނޭޝަނަލް އެސެމްބްލީގެ ޗެއަރމަން ޝިބާ ގަފަރޯވާވެސް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުންވެސް މި ރަސްމިއްޔާތުގައި އެފްރިކާ، ސައުތު އެމެރިކާ، ޔޫރަޕް އަދި އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުންވެސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *