ނެދަލަންޑްސް ޤައުމީ ޓީމުގެ އައު ކޯޗަކަށް ލުއި ވެން ހާލް ހަމަޖައްސައިފިއެވެ. މިއީ އޭނާ ނެދަލަންޑްސްގެ ކޯޗުކަމާއި ހަވާލުވި ތިންވަނަ ފަހަރެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު، އަލުން ގައުމީ ޓީމާ ހަވާލުވީ، ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ގައުމީ ޓީމުގައި ވެން ހާލް ވަނީ 2000-2002 އަދި 2012-2014 އަށް މަސައްކަތް ކޮށްފައެވެ. ބްރެޒިލްގައި 2014 ގައި ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ނެދަލެންޑްސް ގެންގޮސް ދިނީ އޭނާގެ ކޯޗު ކަމުގެ ދަށުންނެވެ. އެ އަހަރުގެ ވޯލްޑް ކަޕަށް ފަހު އޭނާ ހަވާލުވީ ޔުނައިޓެޑްގެ ކޯޗު ކަމާއެވެ.
ކޯޗުކަމާއި ހަވާލުވުމަށްފަހު ވެން ގާލް ބުނީ ނެދަލަންޑްސްގެ ފުޓުބޯޅައަކީ އޭނާގެ ޙަޔާތުގެ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި ނެދަލަންޑްސްގެ ޤައުމީ ޓީމަށް ކޯޗު ކޮށްދިނުމަކީ އޭނާއަށް އާދަޔާ ޚިލާފު އުފަލެއް ލިބޭ ކަމެއް ކަމަށެވެ. ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަރލްޑް ކަޕް ކޮލިފައިންގެ މުހިންމު ތިން މެޗު ނެދަލަންޑްސްއަށް އޮތުމުން ޔޫރޯއިން ކުރިމަތިވި ނާކާމިޔާބީތަށް ފަހަތަށް ޖައްސާލާ އައު ފެށުމަކުން ފެށުމަށް ތިބީ ބޭނުންވެފައެވެ.
ވެން ގާލް ބުނީ ކޮލިފައިންގެ މެޗު ތަކާއި ދެމެދު މިހާރު ދެން މާގިނަ ދުވަސްތަކެއް ނެތުމުން މިވަގުތުން ފެށިގެން ކުޅުންތެރިންނަށް ވިސްނަމުންދާކަމަށެވެ. ވެންގާލް ވަނީ އޭނާގެ ކޯޗިންގ ކެރިއަރުގައި 20 ތައްޓެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އަޔެކްސް އެމްސްޓަޑަމްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން ބާސެލޯނާއާއި ބަޔޭން މިޔުނިކާއެކުވެސް ކާމިޔާބީތަކެއް ހާސިލުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ