ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ދައުވާ އުފުލާފައިވާ ރ. ފުއްގިރީގެ މައްސަލައިގައި އެމަނިކުފާނު ފުލުހުންނަށް ދެއްވި ބަޔާން ޕީޖީގެ އަތްޕުޅަށް ލިބިފައި ނުވާކަމަށާއި، ސިއްރު ބަޔާނެއް ޕީޖީ އޮފީހަކުން ލީކު ނުވާނެކަމަށް އެއޮފީހުން ބުނެފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ދައުވާ އުފުލާފައިވާ ރ. ފުއްގިރީގެ މައްސަލައިގައި އެމަނިކުފާނު ފުލުހުންނަށް ދެއްވި ބަޔާނުގައިވާ މައުލޫމާތު ތަކެއްކަމަށްބުނެ އޮންލައިން ނޫހެއްގައި ޝާޢިއުކޮށްފައިވާތީ، ބަޔާން ލީކު ކޮށްލުމުގެ ތުހުމަތު ޕީޖީ އަށް ކުރަމުންދާތީ މީޑިއާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިސަ ޝަފީޢު ވިދާޅުވީ ޕީޖީގެ އަތްޕުޅަށް ފުއްގިރި މައްސަލައިގެ ބަޔާން އަދި ލިބިފައި ނުވާކަމަށެ. އަދި އެފަދަ ސިއްރު މައުލޫމަތެއް ޕީޖީ އޮފީހުގެ ތެރެއިން ލީކް ނުވާނެކަމުގެ ޔަގީންކަންވެސް އެބަ އޮތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޕީޖީ އަތްޕުޅަށް އެބަޔާން ލިބިފައިނުވޭ. އެއީ މި އޮފީހުން ލީކުވި އެއްޗެއްނޫން. އަޅުގަނޑަށް އެހާ ޔަގީންކަމާއިއެކު ދަންވަން އެގެނީ، ޕީޖީ އޮގޮތަށް ވިދާޅުވީމަ. އަދި ޕީޖީއާއި ޕީޖީ އޮފީހުގެ މުވައްޒިފުން މަސައްކަތްކުރާ ގޮތް އިނގޭތީ. މި އޮފީހުން ސިއްރު މައުލޫމާތެއް ލީކު ނުކުރާނެ.
– ޝަފީއު ވިދާޅުވިއެވެ.
މިމައްސަލާގައި އިދކޮޅު ޕްރޮގްރެސިވް ކޯލިޝަނުންވެސް ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ އޮންލައިން ނޫސް “އަދަދު”ގައި ޝާއިއުކޮށްފައިވާ ހަބަރުގައި ކަންބޮޑުވާ އެތައް ކަމެއް ހުރި ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ މައުލޫމާތުތަކަކީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމާއެކު ޝަރީއަތަށް ނޫފޫޒު ފޯރުވުމަށް ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ބަޔާނުގައިވެއެވެ.
އެ ޚަބަރުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ފަރާތްޕުޅުން ކޯޓުގައި ދައްކަވާފައިވާ ވާހަކަ ތަކެއްގެ އިތުރުން، އެމަނިކުފާނުގެ ފަރާތްޕުޅުން ތަޙުޤީޤީ އިދާރާއަކަށް ދެއްވާފައިވާ ކަމަށް ބުނާ ޞައްޙަކަން ކަށަވަރު ނުވާ އެތައް މަޢުލޫމާތެއް ހުރިކަން ފާހަގަވެފައި ވާކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވެއެވެ.
“ކޯޓެއްގައި ހިނގަމުން ދާ މައްސަލައަކާ ގުޅިގެން، ތަޙުޤީޤީ އިދާރާއަކަށް ޢާންމު ފަރުދަކު ދީފައިވާ މަޢުލޫމާތުތަކެއް ނޫހެއްގައި ޝާއިޢުކޮށް ހެދުމަކީ ޝަރީޢަތަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމުގެ ޢަމަލެއްކަމުގައި ބެލެވޭއިރު، އެފަދަ މަޢުލޫމާތެއްގެ ތެދު ދޮގު ސާފު ކުރުމެއް ނެތި ޝާއިޢުކުރި ފަރާތުން އެކުރަނީ ޖިނާޢި ކުށެއްގެ ގޮތުގައި މިކޯލިޝަނުން ސިފަ ކުރަމެވެ.”
– ޕްރޮގްރެސިވް ކޯލިޝަން
އެހެންކަމުން އެ ނޫހުގެ މައްސަލަ ބަލައި، އެ ޚަބަރު ލިޔެފައިވާ ފަރާތަށާއި، އެ ނޫހުގެ އެޑިޓަރު އަދި މަސްއޫލުވެރިންނާއި މެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. ހަމައެއާއެކު ތަޙުޤީޤީ ބަޔާނެއްގައި ހުރި ވާހަކަތަކެއް ކަމަށް ބުނެފައި ވާއިރު އެއީ އެބަޔާނުގައި ހުރި ވާހަކަތަކެއްނަމަ، އެ ބަޔާނެއް ނުވަތަ އެ ބަޔާނެއްގައި ވާ ވާހަކަތަކެއް އެ ނޫހަކަށް ލިބިފައިވާ ގޮތެއްވެސް ހޯދާ އެ ކަން ކުރި ބަޔަކާމެދުވެސް ފިޔަވަޅު އެޅުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ