ފުވައްމުލަކު ސިޓީގެ ކަރަންޓު ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީން ޓްރާންސްފޯމަރެއް ގެންގޮސްފިއެވެ.
އާބާދީގައި 10،000 މީހުން އުޅޭ ސިޓީގައި ފެނާއި ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ 2500 ކިލޯވޯޓުގެ މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުންނެވެ. އެ މައްސަލަ އިއްޔެ ހައްލު ނުކުރެވުނީ އައްޑޫން ލޭންޑިން ކްރާފްޓެއްގައި ފޯމަރު ގެންދަން ޖެހުމުންނެވެ. އިއްޔެ ރޭ ފަތިހުން ފެށިގެން ފުވައްމުލަކުން ފެނާއި ކަރަންޓުގެ ޚިދުމަތަށް ބުރޫ އަރާފައިވާއިރު، އެމައްސަލައަށް ވަގުތީ ހައްލެއް ލިބިފައިވާކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.
ފުވައްމުލަކު ސިޓީން ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ މައި ނެޓްވޯކުގައި ހިމެނޭ 2500 ކޭވީއޭގެ ޓްރާންސްފޯމަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އެ ސިޓީގެ ގާތްގަނޑަކަށް %80 އަށް ފެނާއި ކަރަންޓުގެ ޚިދުމަތަށް ވަނީ ބުރޫ އަރާފައެވެ. މިކަމަށް ވަގުތީ ހައްލެއް ހޯދާ، އިއްޔެގެ ވަގުތެއްގައި ފުވައްމުލަކުގެ އެކި ސަރަޙައްދުތަކަށް ފެނަކައިން ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ.
ފުވައްމުލަކު ކަރަންޓު ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރުމަށްޓަކާ އައްޑޫސިޓީން ގެންނަ 4500 ކޭވީއޭގެ ޓްރާންސްފޯމަރު ފުވައްމުލައް ސިޓީއަށް ވަނީ ގެންގޮސްފައެވެ. އަދި ޓްރާންސްފޯމަރު އަންލޯޑުކުުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، މިއަދުގެ ވަގުތެއްގައި އެ ޓްރާންސްފޯމަރު މައި ނެޓްވޯކާ ގުޅާލެވޭނެއެވެ.
ފުވައްމުލައް ސިޓީގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް އިންޖީނުގެ ބަދަލުކުރުމުގެ މަޝްރޫޢަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރުގެ މަޝްރޫޢެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން ފުވައްމުލަކުގެ 21 ކިލޯމީޓަރުގެ ނެޓްވޯކް އެއްކޮށް ބަދަލުވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ